You have reached our old website, discontinued since 09 July 2017

Click here for our new website on
http://www.environment.gov.mv

މޫސުމަށް އަންނަ ބަދަލުތަކާބެހޭ ގާނޫނީ އެއްބަސްވުމެއް ޕެރިހުގައި މިއަހަރު ފާސްކުރުމަށް އެއޯސިސްގެ ވަޒީރުން ގޮވާލައްވައިފި

25 ސެޕްޓެމްބަރ 2015 : 19:57

އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް ، ނުވަތަ އެއޯސިސްގެ ރިޔާސަތާ ދިވެހިރާއްޖެއިން ޙަވާލުވުމަށް ފަހު އެއޯސިސްގެ ވަޒީރުން ފުރަތަމަ ފަހަރަށް ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ ނިއުޔޯކްގައި ހުންނަ އ.ދ. ގެ މައިމަރުކަޒުގައި މިއަދުއެވެ.

މޫސުމަށް އަންނަ ބަދަލުތަކާބެހޭ މުއާހަދާގެ ކޮންފަރަންސް އޮފް ދަ ޕާޓީޒްގެ 21 ވަނަ ޖަލްސާ އަންނަ ޑިސެމްބަރމަހު ޕެރިހުގައި ބޭއްވުމަށް ހަމަޖެހިފައިވުމާއެކު މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައާއި ބެހޭގޮތުންނެވެ. މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބައިނަލްއަޤްވާމީ އައު މުއާހަދާއެއް އެކުލަވާލުމުގެ މަސައްކަތް މީގެ 5 އަހަރު ކުރިންފެށުމާ ހިސާބުން އެއޯސިސްގެ ފަރާތުން ދަނީ މިކަމުގައި އިސްދައުރެއް އަދާކުރަމުންނެވެ. މިގޮތުން އެއޯސިސްގެ މެންބަރު ގައުމުތަކުގެ ދެމިއޮތުމާއި ދެމެހެއްޓެނިވި ތަރައްޤީ ޔަގީންކުރުމަށް އެއްބަސްވުމުގައި ކޮންމެހެން ހިމަނަންޖެހޭނެކަމަށް އެއޯސިސް އިންގަބޫލުކުރާ މާއްދާތައް އެއޯސިސްގެ ފަރާތުން ވަނީ ހުށަހަޅާފައެވެ.

މިއަދު ބޭއްވުނު ބައްދަލުވުމުގައި މި އެއްބަސްވުމުގައި ހިމަނަންޖެހޭނެ ކަންކަމުގެ ތެރެއިން، ވަޒީރުން ފެންވަރުގައިނިންމަން ޖެހޭނެ ކަންކަމާބެހޭގޮތުން މަޝްވަރާކުރެވުނެވެ. މިގޮތުން މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި، އިޔާދަނުކުރެވޭ ކަންކަމަށް ބަދަލުހޯދުމާއި، އެކި ގައުމުތަކުން އުފުލަންޖެހޭ ޒިންމާ އެއްބަސްވުމުގެ ދަށުން ތަފާތުކުރުމާއި، އަދި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ޙައްލުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށް ދިނުމާއި، މިކަންކަމުގައި އެއޯސިސްއިން ގެންގުޅޭނެ ސްޓްރެޓަޖީތައް ވަރަށް ސާފުކޮށް ކަނޑައެޅުއްވިއެވެ. މީގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީއާބެހޭގޮތުން އެ.އޯ.ސި.ސް ގެ ވަޒީރުންނަށް މި ބައްދަލުވުމުގައި މަޢުލޫމާތު އެރުވުނެވެ. 2030 ވަނަ އަހަރަށް ފަހު ޢަމަލުކުރުމަށް ހަމަޖެހިފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ބައިނަލްއަޤްވާމީ އެޖެންޑާ އެކުލަވާލުމަށް އެއޯސިސްގެ ފަރާތުންކޮށްފައިވާ މަސައްކަތްތަކަށް މި ޖަލްސާގައި އަލިއަޅުވާލެވި، ކުދި ޖަޒީރާ ގައުމުތަކުން އެއްބަސްވެފައިވާ ސިޑްސް އެކްސިލަރޭޓެޑް މޮޑަލިޓީސް އޮފް އެކްޝަން ނުވަތަ ސަ.މޯ.އާ ޕާތުވޭއައި ގުޅުވައިގެން މި އެޖެންޑާ ތަންފީޒުކުރާނެ ގޮތްތަކާބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ

މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވައިދެއްވީ ރާއްޖޭގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އަލްފާޟިލް ޠާރިޤު އިބްރާހިމް އެވެ. މި ޖަލްސާގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާބެހޭ ގާނޫނީ އެއްބަސްވުމެއް މި އަހަރު ޕެރިހުގައި ފާސްކުރުމުގެ މުހިއްމުކަމަށް އަލިއަޅުއްވާލެއްވިއެވެ. އަދި 2030 ވަނަ އަހަރުގެ ފަހުން އަމަލުކުރާ ދެމެހެއްޓެނިވި ތަރައްޤީއާބެހޭ އެޖެންޑާ ތަންފީޒުކުރުމަށް ބޭނުންވާނެ ވަސީލަތްތައް ހޯދުމުގެ މުހިއްމުކަން ވެސް ފާހަގަކުރެއްވިއެވެ. ޕެރިހުގައި މި އަހަރު އެއްބަސްވުމެއް އެކުލަވާލުމަށް ކުރެވޭ މަސައްކަތް ކުރިއަށް ހިނގާ ދުވެއްޔާމެދު މި ޖަލްސާގައި އެއޯސިސްގެ ވަޒީރުން ކަންބޮޑުވުން ފާޅުކުރެއްވި ނަމަވެސް ޕެރިހުގައި ބާއްވާ ޖަލްސާ ކާމިޔާބުވެގެންދާނެކަމަށް އުއްމީދުކުރައްވައެވެ.