You have reached our old website, discontinued since 09 July 2017

Click here for our new website on
http://www.environment.gov.mv

އިޔާދަކުރެވެނިވި ހަކަތައިގެ ދާއިރާއިން ދިވެހިރާއްޖޭގައި ބޭއްވޭ ފުރަތަމަ ބައިނަލްއަޤްވާމީ އިންވެސްޓަރުންގެ ކޮންފަރެންސް ފެށިއްޖެ

16 ޖޫން 2013 : 16:31

އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދިވެހިރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށްޓަކައި މިމިނިސްޓްރީއާއި މަލްޓިލެޓަރަލް ޑިވަލޮޕްމަންޓް ބޭންކްތައް ގުޅިގެން މިދާއިރާއިން ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ އިންވެސްޓަރުންގެ ކޮންފަރަންސް  މިއަދު ބަނޑޮސް އައިލަންޑްގައި ފެށިގެން ކުރިއަށް އެބަދެއެވެ. މިކޮންފަރެންސް ޝަރަފުވެރި ކޮށްދެއްވީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުއެވެ. ރައީސުލް ޖުމްހޫރިއްޔާގެ އިތުރުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. މަރިޔަމް ޝަކީލާ އަދި ދައުލަތު އެހެނިހެން ވުޒާރާތަކުގެ ވަޒީރުން މިކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.

 

ޖޫންމަހުގެ 16 އިން 17 އަށް ދެދުވަހުގެ މުއްދަތަށް ބޭއްވޭ މި ކޮންފަރަންސަކީ އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން އިންވެސްޓް ކުރުމަށް ރާއްޖޭގައި ހުރި ފުރުސަތުތައް އަންގައިދީ، އެފަދަ ފުރުސަތުތަކަށް މަގުފަހިކުރުމުގެ ގޮތުން ބާއްވާ ކޮންފަރަންސެކެވެ. ކޮންފަރެންސްގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވެނީ ދާދިފަހުން ފާސްކުރެވުނު ސްކޭލިންގ އަޕް އޮފް ރިނިއުބަލް އެނަރޖީ ޕްރޮގްރާމް (އެސްރެޕް) އިންވެސްޓްމަންޓް ޕްލޭންއާއި ގުޅޭގޮތުންނެވެ. މި އިންވެސްޓްމަންޓް ޕްލޭންގެ މައިގަނޑު އަމާޒަކީ ހަކަތައިގެ ދާއިރާގައި ތެލައް ބަރޯސާވާ މިންވަރު ކުޑަކޮށް އިޔާދަކުރެވެނި ހަކަތަ ބޭނުންކުރެވޭ މިންވަރު އިތުރުކުރުމެވެ. އަދި ހަމައެހެންމެ އިޔާދަކުރެވެނިވި ހަކަތައިގެ ދާއިރާގައި ޕްރައިވެޓް ސެކްޓަރގެ ދައުރު ފުޅާކޮށް މިދާއިރާއިން ފައިދާއާއި މަންފާ ލިބިދެވޭނެ ފުރުސަތުތަކެއް ހުޅުވާލުމެވެ.

 

މިކޮންފަރެންސްއަކީ އިންވެސްޓަރުންނާއި، މަޝްރޫއުތައް ހިންގާ ފަރާތްތަކުން އަދި އިންޑަސްޓްރީތަކުގެ އިސްބޭފުޅުން ގުޅިގެން އިޔާދަކުރެވެނިވި ހަކަތައިގެ ދާއިރާއިން މަޝްރޫޢުތައް ހިންގުމަށް އިންވެސްޓްކުރުމުގެ އާފުރުސަތުތަކެއް ހޯދައިދެވިގެންދާނެ ކޮންފަރެންސްއެކެވެ. މިކޮންފަރެންސްގައި ކަމާގުޅޭ ބައިނަލްއަޤްވާމީ ތަޖުރިބާކާރުން، އިޔާދަކުރެވެނިވި ހަކަތައިގެ ދާއިރާ މިހާރު އޮތްހާލަތުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

 

މި ކޮންފަރެންސަކީ ބައިނަލް އަޤްވާމީ އެހީދޭ ބޭންކުތަކާއި ރާއްޖެއާއި ބޭރުގެ އިންވެސްޓަރުންނާއި އަމިއްލަ ވިޔަފާރިތަކާއި ރިސޯޓުތަކުންނާއި ސަރުކާރުގެ އިދާރާތަކުގެ މަތީ ފެންވަރުގެ ބޭފުޅުން ބައިވެރިވާ ކޮންފަރެންސެކެވެ.