You have reached our old website, discontinued since 09 July 2017

Click here for our new website on
http://www.environment.gov.mv

ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީސް އޮފް ވައިލްޑް ފައުނާ އެންޑް ފްލޮރާ (ސައިޓީސް) ގެ މެމްބަރުކަން މިއަދު ދިވެހިރާއްޖެއަށް ލިބިއްޖެ

12 މާޗް 2013 : 13:47

ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީސް އޮފް ވައިލްޑް ފައުނާ އެންޑް ފްލޮރާ ގެ މެމްބަރުކަން މިއަދު ދިވެހިރާއްޖެއަށް ލބިއްޖެއެވެ. ސައިޓީސްގައި ރާއްޖެއިން ބައިވެރިވުމަށް ނިންމާފައިވަނީ 8 އޮކްޓޫބަރު 2012 ވަނަ ދުވަހު އޮތް ރައްޔިތުންމަޖިލީހުގެ 3ވަނަ ދައުރުގެ 4ވަނަ ޖަލްސާގައެވެ. މިއާއި ގުޅިގެން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އެހީގައި، ކޮންވެންޝަނުގައި ބައިވެރިވުމުގެ މަސައްކަތް ފެށިއެވެ.

ކޮންވެންޝަނުގެ 16 ވަނަ ކޮންފަރެންސް އޮފް ދަ ޕަރޓީސް އާ ދިމާވި މި މުނާސަބަތުގައި ދިވެހިރާއްޖެ މެމްބަރަކަށްވުން ފާހަގަ ކުރުމަށް ސައިޓީސް ސެކްރެޓޭރިއޭޓުން ކުޑަ ރަސްމިއްޔާތެއްވަނީ ބާއްވާފައެވެ. މިގޮތުން، ކޮންފަރެންސްގެ މިއަދުގެ ބައްދަލުވުން ފެށުނީ ދިވެހިރާއްޖޭގެ ނަންބޯޑު އޮބްޒަރވަރ ނަންބޯޑުން “ޕަރޓީ” ނަންބޯޑަށް ބަދަލުކުރުމުންނެވެ. ހަމަ މިއާއެކު، ކޮންފަރެންސްގައި ބައިވެރިވާ 150ށް ވުރެ ގިނަގައުމު ކުރިމަތީގައި މެމްބަރެއްގެ ހައިސިއްޔަތުން ރާއްޖެއިންދޭ ފުރަތަމަ ސްޓޭޓްމަންޓް ދިނުމުގެ ފުރުސަތު ލިބުނެވެ.

މި ސްޓޭޓްމަންޓްގައި ދިވެހިރާއްޖެއިން ކޮންވެންޝަނުގައި ބައިވެރިވުމަކީ ފަޚުރެއްކަމަށާއި، އަދި ކޮންވެންޝަނަށް ފުރިހަމައަށް ޢަމަލުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރާނެކަމުގެ ޔަގީންކަން ކޮންވެންޝަނުގެ މެމްބަރުންނަށާއި، ސެކްރެޓޭރިއެޓަށް އެރުވުނެވެ.

ސައިޓީސްއަކީ، ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތި އެއްގައުމުން އަނެއް ގައުމަށް ގެންދިއުމުގައި އުސޫލްތަކެއް ގާއިމްކޮށް އެއުސޫލްތަކަށް އަމަލު ކުރުމަށް މެމްބަރު ގައުމުތަކަށް ލާޒިމް ކުރާ މުއާހަދާއެކެވެ. މި ގޮތުން ދިވެހިރާއްޖެ ސައިޓީސްގެ މެމްބަރަކަށްވުމުން ސައިޓީސްގެ އެޕެންޑިކްސް I އަދި އެޕެންޑިކްސް II ގައިވާ ދިރޭތަތީގެ އިމްޕޯރޓާއި އެކްސްޕޯރޓް ކޮންޓްރޯލް ކުރަންޖެހެއެވެ.

އެޕެންޑިކްސް  Iގައި ހިމެނިފައިވާ ދިރޭތަކެއްޗަކީ ނެތިދިއުމުގެ ބިރު އެންމެބޮޑަށް ހީވެފައިވާ ދިރޭތަކެއްޗެވެ. މި ތަކެތި ވިޔަފާރި އުސޫލުން ޓްރޭޑް ކުރުމަކީ މުޅިން މަނާކަމެކެވެ. އަދި އިމްޕޯރޓްކޮށް އެކްސްޕޯރޓް ކުރެވޭނީ ޚާއްސަ ހުއްދައެއްގެ ދަށުން ކަނޑައެޅިފައިވާ ވަކި ކަންތައްތަކެއް ކުރުމަށެވެ. މީގެ ތެރޭގައި ސައިންޓްފިކް ރިސަރޗް ހިމެނެއެވެ.

އެޕެންޑިކްސް II ގައި ހިމެނިފައިވާ ދިރޭތަކެއްޗަކީ ނެތިދިއުމުގެ ބިރު އަދި ހީވެފައި ނުވިނަމަވެސް އެތަކެތީގެ ޓްރޭޑް ކޮންޓްރޯލް ނުކޮށްފިނަމަ ނެތިދިއުން ކައިރި ތަކެއްޗެވެ. މި އެޕެންޑިކްސްގައި ހިމެނިފައިވާ ދިރޭތަކެތީގައި އެކްސްޕޯރޓް ކުރާ ގައުމުން ކަނޑައަޅާ ޝަރުތަތަކެއް ފުރިހަމަވާނަމަ، އަދި އެކްސްޕޯރޓް ކުރުމުން އެތަކެތީގެ ދެމިހުރުމަށް ހުރަހަކަށް ނުވާނަމަ އެކްސްޕޯރޓް ކުރުމުގެ ހުއްދަ ދެވިދާނެއެވެ. ސައިޓީސްގެ ދަށުން މި ތަކެތި އިމްޕޯރޓް ކުރުމަށް ހުއްދައެއް ނަގާކަށް ނުޖެހެއެވެ. ނަމަވެސް ގައުމަކުން ބޭނުންވެއްޖެ ހިނދެއްގައި އިމްޕޯރޓް ކުރުމަށާއި އެކްސްޕޯރޓް ކުރުމަށް ސައިޓީސްއަށްވުރެ ހަރުކަށި ފިޔަވަޅުތައް އެޅިދާނެއެވެ.

ސައިޓީސްގާ ލިސްޓްކުރެވިފައިވާ ދިރޭތަކެއްޗަށް ހުއްދަ ދިނުމަށް ކަނޑައެޅިފައިވާ ރާއްޖޭގެ މެނޭޖްމަންޓް އޮތޯރިޓީއަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އެވެ. އަދި ސައިންޓްފިކް އޮތޮރިޓީ އަކީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އާއި މެރިން ރިސަރޗް ސެންޓަރެވެ.