ޚަބަރު

‘ކްލައިމެޓް ފައިނޭންސް މޮބިލައިޒޭޝަން އެންޑް އެކްސެސް ސްޓްރެޓެޖީ ވަރކްޝޮޕް ފޯރ ދަ އައިލެންޑެ ސްޓޭޓްސް އިން ދަ އިންޑިއަން އޯޝަން’ ފަށައިފި

5 މާޗް 2020

‘ކްލައިމެޓް ފައިނޭންސް މޮބިލައިޒޭޝަން އެންޑް އެކްސެސް ސްޓްރެޓެޖީ ވަރކްޝޮޕް ފޯރ ދަ އައިލެންޑެ ސްޓޭޓްސް އިން ދަ އިންޑިއަން އޯޝަން’ މިއަދު ފަށައިފިއެވެ. މި މަހުގެ 04 އިން 05 އަށް ކުރިއަށްގެންދާ މި ވަރކްޝޮޕް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އިންޑިއާ ކަނޑުގެ ޖަޒީރާ ޤައުމުތަކުން މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މާލީ ގޮތުންނާއި، ޓެކްނޮލޮޖީގެ ދާއިރާއިންނާއި، އިންސާނީ އަދި އެހެނިހެން ވަސީލަތްތައް ބޭނުންވާނެ މިންވަރު ދެނެގަތުމަށްޓަކައި ދިރާސާއެއް ކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި އ.ދ. ގެ މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ މުއާހަދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ) ސެކެޓޭރިއެޓް އާއި ގުޅިގެން މަޝްރޫޢެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މި މަޝްރޫޢުގެ ދަށުން ހިންގޭ މަސައްކަތު ބައްދަލުވުމެކެވެ. މި މަސައްކަތު ބައްދަލުވުމަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ މުއާހަދާ، ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް އާއި ދިވެހިރާއްޖެ އާއި ގުޅިގެން ބޭއްވޭ ބައްދަލުވުމެކެވެ.

މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ މިހާރު ތައްޔާރުކުރެވިފައިވާ ‘އިންޑިއަން އޯޝަންސް ކްލައިމެޓް ފައިނޭންސް މޮބިލައިޒޭޝަން އެންޑް އެކްސެސް ސްޓްރެޓެޖީ’ ގެ ދެލިކޮޕީ ފާސްކޮށް، މިސްޓްރެޓްޖީ ތަންފީޒުކުރާނެ ޕްލޭނެއް އެލުލަވާލުމެވެ. މި ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ ޖަޒީރާ ޤައުމަތަކުގެ ތެރެއިން 5 ޤައުމަކުން ބައިވެރިވެއެވެ. އެގޮތުން މި ބައްދަލުވުމުގައި ބައިވެރިވާ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ، މޮރިޝަސް، ސީޝެލްސް، ސްރީލަންކާ އަދި ކޮމޮރަސް ހިމެނެއެވެ.

 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަށް ފިޔަވަޅު އެޅުމަށް މިހާރު ރާއްޖޭގައި ހިންގާ މަޝްރޫޢުތަކުގެ ގާތްގަނޑަކަށް 35% ޚަރަދުކުރަނީ ދައުލަތުންކަމަށެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް ޑރ. އަބްދުﷲ ނަސީރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ތެރެއިން ރަށްގިރުމުގެ މައްސަލަ ވަރަށް ގިނަ ރަށްތަކަށް ދިމާވަމުންދާކަމަށާއި އެހެންނަމަވެސް ރާއްޖޭގެ ހުރިހާ ރަށެއް މި ނުރައްކަލުން ސަލާމަތްކުރުމަކީ އެކަމަށް ވަރަށް ބޮޑު ހޭދައެއް ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން މިކަމަށް ބޭރުގެ އެހީ ބޭނުންވާކަން ޑރ. ނަސީރު ފާހަގަކުރެއްވިއެވެ.

މި މަސައްކަތު ބައްދަލުވުމަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ) ގުޅިގެން ބޭއްވޭ މަސައްކަތު ބައްދަލުވުކެވެ.