ޚަބަރު

މޯލްޑިވްސް ނެޝަނަލް ކެމިކަލް ޕްރޮފައިލް އިފްތިތާޙުކޮށްފި

7 ނޮވެމްބަރ 2016

ނޭޝަނަލް ކެމިކަލް ޕްރޮފައިލް އަދި ނޭޝަނަލް ކެމިކަލް މެނޭޖްމަންޓް ޑޭޓާބޭސް މިއަދު އިފްތިތާޙްކޮށްފިއެވެ. މިއަދު ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ނޭޝަނަލް ކެމިކަލް ޕްރޮފައިލް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. ޔުނިޓަރގެ އެހީތެރިކަމާއެކު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން އެކުލަވާލި މި ރިޕޯޓަކީ ރާއްޖެއަށް އެތެރެކުރެވޭ ކެމިކަލްތަކުގެ މަޢުލޫމާތު އެއްކޮށް އެކުލަވާލެވުނު ރިޕޯޓެކެވެ. މި ރިޕޯޓުގައި ދިވެހިރާއްޖެއަށް ކެމިކަލް އެތެރެކުރުމާއި، ބޭނުންކުރުމާއި، ރައްކާކުރުމާއި، އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި އަދި ނައްތާލުމުގައި ދިވެހިރާއްޖޭގައި ބޭނުންކުރެވޭ މިންގަނޑުތަކާއި ހާލަތު ވަނީ ބަޔާންކުރެވިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމް ދިވެހިރާއްޖޭގައި ކެމިކަލް މެނޭޖުކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައި ކެމިކަލް ޕްރޮފައިލްގައި ހިމެނޭ މުހިއްމު މަޢުލޫމާތުތަކަށް އަލިއަޅުވާލެއްވިއެވެ.

މި ކެމިކަލް ޕްރޮފައިލަކީ ރާއްޖޭގައި ގެންގުޅުމާއި ނައްތާލުމާއި މެނޭޖުކުރުމުގެ ރަނގަޅު އުސޫލުތައް ކަނޑައެޅުމަށް މަގުފަހިވުމުގެ އިތުރުން ދިވެހިރާއްޖޭގެ ނާޒުކު ތިމާވެއްޓާއި މާހާއުލީ ނިޒާމުތަކަށް ކުނިބުންޏާއި ކެމިކަލްތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ނައްތާލުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ. އެގޮތުން މިއަދު މި އިފްތިތާޙް ކުރެވުނު ރިޕޯޓަކީ ރާއްޖެއަށް އެތެރެކުރެވޭ އެކި ވައްތަރުގެ ކެމިކަލްތަކުގެ މަޢުލޫމާތު ހިމެނޭ ފުރަތަމަ ރިޕޯޓެވެ.