ޚަބަރު

މ. ދިއްގަރު ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފެށިއްޖެ

23 ޖަނަވަރީ 2017

ސަރުކާރުގެ ބަޖެޓުން ޚަރަދުކުރައްވައިގެން މ. ދިއްގަރުގައި ޤާއިމްކުރެއްވުމަށް ހަމަޖެހިފައިވާ ނަރުދަމާ ނިޒާމްގެ މަސައްކަތް އަމަލީގޮތުން ފަށައިފިއެވެ. ނަރުދަމާ ނިޒާމްގެ މަސައްކަތް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމެވެ.

ދިއްގަރު ނަރުދަމާ ނިޒާމްގެ މަސައްކަތް، ޑިޒައިންގ އެންޑް ބިލްޑް އުސޫލުން ކުރިޔަށްގެންދެވުމަށް ހަވާލުކުރައްވާފައިވަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް “އެމް.ޑަބްލިޔު.އެސް.ސީ”އާއެވެ. ނަރުދަމާ ނިޒާމްގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ 2016 ވަނަ އަހަރުގެ މާރިޗު މަހުގައެވެ. މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. މި މަޝްރޫޢުގެ ދަށުން ފާޚާނާ ހޮޅިއެޅުމާއި، ސްވޭޖް ޕަމްޕް ސްޓޭޝަންތައް ބެހެއްޓުމާއި، ސީއައުޓްފޯލް ސިސްޓަމެއް ޤާއިމް ކުރެވޭނެއެވެ.
.
މި މަޝްރޫއުގެ މަސައްކަތަށް ސަރުކާރުގެ ބަޖެޓުން 28 މިލިއަނަށްވުރެ ގިނަރުފިޔާ ޚަރަދުވާނެއެވެ. މި މަޝްރޫއު ކަނޑައެޅިފައިވާ ތާރީޚަށް ނިންމާ، ޚިދުމަތް ދެވެން ފެށޭނެއެވެ.

މި މަޝްރޫޢުގެ މަސައްކަތް ނިމުމުން މ. ދިއްގަރުގެ ރައްޔިތުންނަށް އެކަށީގެންވާ ނަރުދަމާ ނިޒާމެއްގެ ޚިދުމަތް ލިބިގެންދާނެއެވެ. އަދި މިއާއެކު ރަށުގައި އިތުރު ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެއެވެ.