ޚަބަރު

މ. މުލަކުގައި ރައްކާތެރި ބޯފެނުގެ ނިޒާމު އިފްތިތާޙުކޮށްފި

23 ޖަނަވަރީ 2017

ންމެނަށް ރައްކާތެރި ސާފުފެން ޔަޤީން ކޮށްދިނުމަށް ރައީސް ޔާމީންގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ސާފު ފެން ފޯރުކޮށްދެވޭނޭ ނިޒާމެއް މ.މުލަކުގައި ޤާއިމްކުރުމަށް ހިންގުނު މަޝްރޫޢު ނިންމާ މުލަކުގެ ފެނުގެ ޚިދުމަތް ފަށައިފިއެވެ.

ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ މުލަކުގެ ފެނުގެ ޚިދުމަތް ޤާއިމުކުރުމަށް ޖުމްލަ 37,995,579.03 (ތިރީސް ހަތް މިލިއަން ނުވަ ސަތޭކަ ނުވަދިހަ ފަސް ހާސް ފަށްސަތޭކަ ހަތްދިހަ ނުވަ ރުފިޔާ ތިން ލާރި) ރުފިޔާ ވަނީ ޚަރަދުކުރެވިފައެވެ.

މަޝްރޫޢުގެ ޢަމަލީ މަސައްކަތް ޙަވާލުކޮށްފައިވަނީ މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އާއެވެ. މުލަކުގެ ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ 16 މަރޗް 2014 ގައެވެ. އަދި މި މަސައްކަތުގެ ޢަމަލީ މަސައްކަތް ނިމިފައިވަނީ 04 ޑިސެމްބަރު 2015 ގައެވެ.

މި މަޝްރޫޢުގެ ދަށުން 20 ޓަނުގެ 02 ޑީސެލިނޭޝަން ޕްލާންޓު ވަނީ ބެހެއްޓިފައެވެ. މި ޕްލާންޓްތައް މެދުވެރިކޮށް ދުވާލަކު 40 ކިއުބިކް މީޓަރުގެ ފެން އުފެއްދުމުގެ ޤާބިލްކަން މި ނިޒާމްއަށް ވަނީ ލިބިފައެވެ. އަދި މި ޕްލާންޓްތަކުން އުފައްދާ ފެން ރައްކާކުރުމަށް 300 ޓަނުގެ ތާނގީއެއް ވަނީ ބެހެއްޓިފައެވެ. މީގެ އިތުރުން އަދި 11 ކިލޯމީޓަރ ދިގުމިނުގެ ފެންވިއުގައެއް މި މަޝްރޫޢުގެ ދަށުން ވަނީ ޤާއިމްކޮށްފައެވެ. މި މަޝްރޫޢު ނިމުނުއިރު ފެނުގެ ޒަމާނީ ނިޒާމެއް މުލަކުގައި ޤާއިމްކޮށް 279 ފެން މީޓަރު ވަނީ ރަށުގެ ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި ވަނީ ބަހައްޓައިދެވިފައެވެ.

މީގެ އިތުރުން ފެންއުފެއްދުމަށް ކުރެވޭ ޚަރަދުތައް ކުޑަކުރުމަށާއި، މުލަކުގައި ހުރި ޤުދުރަތީ ވަސީލަތްތައް އެންމެހެޔޮ ގޮތުގައި ބޭނުންކުރުމަށް އަމާޒުކޮށް ވާރޭފެން ރައްކާކުރުމަށް 700 ޓަނުގެ އެއްތާނގީއަށް ޖަމާކޮށް އެފެނުގެ ސާފުކަން ޔަޤީން ކުރުމަށްފަހު މިނިޒާމުގެ ތެރެއިން ބޭނުންކުރެވޭނެގޮތް ވަނީ ހެދިފައެވެ. މިގޮތުން މުލަކުގައި ފެނުގެ ޚިދުމަތް ދެމެހެއްޓެނިވިގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، މިނިޒާމް ހިންގާ ބަލަހައްޓާނީ ފެނަކަ ކޯރޕަރޭޝަނުންނެވެ.