ޚަބަރު

ރ. ހުޅުދުއްފާރުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފި

31 ޖަނަވަރީ 2017

ރ. ހުޅުދުއްފާރުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަސައްކަތް ފައްޓަވައިދެއްވީ މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ޠާރިޤް އިބްރާހީމެވެ.

ރ. ހުޅުދުއްފާރުގައި ފެނުގެ ނިޒާމާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންދަވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އާއި ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ 11 މެއި 2016 ގައެވެ. މި މަޝްރޫޢުއަކީ ދިވެހި ސަރުކާރާއި އޯޕެކް ފަންޑް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ލޯން އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ އަގަކީ 57,291,498.91ރ. (ފަންސާސް ހަތް މިލިއަން، ދެ ލައްކަ ނުވަދިހަ އެއް ހާސް، ހަތަރު ސަތޭކަ ނުވަދިހަ އަށް ރުފިޔާ ނުވަދިހަ އެއް ލާރި) ރުފިޔާއެވެ.

މި މަޝްރޫޢުގެ ދަށުން 6.8 ކިލޯމީޓަރު ދިގުމިނުގެ ފެންވިއުގައެއް ޤާއިމުކުރެވޭނެއެވެ. އަދި 60 ޓަނުގެ -2 ޑީސެލިނޭޝަން ޕްލާންޓް ބެހެއްޓޭނެއެވެ. އަދި މި ޕްލާންޓްތަކުން އުފައްދާ ފެން ރައްކާކުރުމަށް 520 ޓަނުގެ ތާނގީއެއް ބެހެއްޓޭނެއެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން 8.2 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމުކުރެވޭނެއެވެ. އަދި 250 ޓަނުގެ ސުވޭޖް ޓްރީޓްމަންޓް ޕްލާންޓެއް (މުސްތަޤްބަލުގައި 500 ޓަނަށް އިތުރުކުރެވޭވަރުގެ) ބެހެއްޓޭނެއެވެ. މި މަޝްރޫޢު ނިމޭއިރު ފެނުގެ ޒަމާނީ ނިޒާމަކާއި ނަރުދަމާގެ ޚިދުމަތް ޤާއިމުވެ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިހާ ގޭބިސީތަކާއި މުއައްސަސާތަކަށް ފެނުގެ ޚިދުމަތާއި ނަރުދަމާގެ ޚިދުމަތް ގުޅާދެވޭނެއެވެ.