ޚަބަރު

އެނަރޖީ އެފިޝަންސީއާ ގުޅޭގޮތުން ފ. މަގޫދޫ ސްކޫލުގެ ދަރިވަރުންނަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

3 ފެބްރުއަރީ 2017

އެނަރޖީ އެފިޝަންސީ އަށް ހޭލުންތެރިކުރުމާއި ބެހޭ މަސައްކަތު ބައްދަލުވުމެއް 3 ފެބްރުއަރީ 2017 ގައި ފ. އަތޮޅު މަގޫދޫގައި ބާއްވައިފިއެވެ. މި މަސައްކަތު ބައްދަލުވުން ބާއްވާފައި ވަނީ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢުގެ ފަރާތުންނެވެ.

މި މަސައްކަތު ބައްދަލުވުން ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން މަގޫދޫ ސުކޫލުގެ ގަރޭޑް 8،9 އަދި 10 އަކަށް ކަނޑައަޅުއްވާފައިވާ އެކްޓިންގ ލީޑިންގ ޓީޗަރ އަލްފާޟިލާ އައިޝަތު ސުލްޠާނާ ދަރިވަރުންގެ ކިބައިން އެދުނީ، މަސައްކަތު ބައްދަލުވުން ކުރިއަށްދާ ވަގުތުގައި ކަނުލާ އަޑުއެހުމަށާއި، މިގޮތަށް ކަނުލައި އަޑުއަހައިފިނަމަ އާއްމު ދިރިއުޅުމުގައި ހަކަތަ ހެޔޮގޮތުގައި ބޭނުންކުރަން ދަސްވާނެކަމުގައެވެ. “މި މަސައްކަތު ބައްދަލުވުމުން ލިބޭ މަޢުލޫމާތުގެ އަލީގައި ކަރަންޓް ބިލަށް ދައްކަންޖެހޭ ފައިސާގެ އަދަދު މަދުވާނެ، މި ފައިސާއަކީ އަނެއްކާވެސް ތިކުދިންނަށް އެހެންކަމަކަށް ޙަރަދު ކުރަން ލިބޭ ފައިސާ” ސުލްޠާނާ ވިދާޅުވިއެވެ.

މި މަސައްކަތު ބައްދަލުވުމުގައި ހަކަތަ އިގްތިސާދު ކުރުމާއި ހަކަތަ ހެޔޮގޮތުގައި ބޭނުންކުރުމާއި ބެހޭ ގޮތުން ދަރިވަރުންނަށް ވަނީ މަޢުލޫމާތު ދީފައެވެ. މި ބައްދަލުވުމުގައި ދަރިވަރުންނަށް މައުލޫމާތުދެއްވީ މި މިނިސްޓްރީގެ ކަމާއި ބެހޭ ތަޖުރިބާކާރުންނެވެ.

މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސްކޫލްގެ އެކްޓިންގ ލީޑިންގ ޓީޗަރ އަލްފާޟިލާ އައިޝަތު ސުލްޠާނާއާއި ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢުގެ މޮނިޓަރިންގ އެންޑް އިވެލުއޭޝަން އޮފިސަރ އަލްފާޟިލާ ފާތިމަތު ރައުފާ މުޙައްމަދެވެ.

މި މަސައްކަތު ބައްދަލުވުމުގައި މަގޫދޫ ސްކޫލުގައި ސާނަވީ ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން 25 ދަރިވަރުން ބައިވެރިވިއެވެ.

ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢަކީ މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.