ޚަބަރު

ގދ. ގައްދޫގައި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

21 ފެބްރުއަރީ 2017

ގދ.ގައްދޫގައި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. އެންމެނަށް ނަރުދަމާޔަޤީންކޮށްދިނުމަށް ރައީސް ޔާމީންގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވޭނޭ ނިޒާމެއް ގދ. ގައްދޫގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރީޤް އިބްރާހީމެވެ.

ގދ.ގައްދޫގައި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ކުރިޔަށް ގެންދަވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން، މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އާއި ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކުރެވިފައިވަނީ 11 މެއި 2016 ގައެވެ. މި މަޝްރޫޢުއަކީ ދިވެހި ސަރުކާރާއި އޯޕެކް ފަންޑް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ލޯން އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. އަދި މި މަޝަރޫޢުގެ އަގަކީ 40,931,659.82 (ސާޅީސް މިލިޔަން، ނުވަ ސަތޭކަ ތިރީސް އެއްހާސް، ހަސަތޭކަ ފަންސާސް ނުވަ ރުފިޔާ އައްޑިހަ ދެލާރި) ދިވެހި ރުފިޔާއެވެ.

މި މަޝްރޫޢުގެ ދަށުން 8 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކުރެވޭނެއެވެ. އަދި 410 ޓަނުގެ ސުވޭޖް ޓްރީޓްމަންޓް ޕްލާންޓެއް (މުސްތަޤްބަލުގައި 500 ޓަނަށް އިތުރުކުރެވޭނެ) ބެހެއްޓޭނެއެވެ. މި މަޝްރޫޢު ނިމޭއިރު ނަރުދަމާގެ ޚިދުމަތް ޤާއިމްވެ 708 ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ގުޅައި ދެވޭނެއެވެ.