ޚަބަރު

ކެނދިކުޅުދޫ ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެނަރޖީ އެފިޝަންސީ އަށް ހޭލުންތެރިކުރުމުގެ މަސައްކަތު ބައްދަލުވުންތަކެއް ބާއްވައިފި

11 މެއި 2017

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހިންގާ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢުގެ ފަރާތުން އެނަރޖީ އެފިޝަންސީ އަށް ހޭލުންތެރިކުރުމާއި ބެހޭ މަސައްކަތު ބައްދަލުވުންތަކެއް ނ. ކެނދިކުޅުދޫގައި ބާއްވައިފިއެވެ. 26 އަދި 27 އޭޕްރިލް ގައި ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުންތަކުގައި ކެނދިކުޅުދޫ ސްކޫލާގެ ގްރޭޑް 8، 9 އަދި 10 ގެ ޖުމްލަ 53 ދަރިވަރުން ބައިވެރިވިއެވެ.
ކެނދިކުޅުދޫ ސްކޫލްގެ ދަރިވަރުންނަށް ހިންގި މަސައްކަތު ބައްދަލުވުން އިފްތިތާޙް ކޮށްދެއްވީ ކެނދިކުޅުދޫ ސްކޫލް ހިންގުމާއި ވަގުތީގޮތުން ޙަވާލުވެވަޑައިގެން ހުންނެވި އަލްފާޟިލާ ސިމަން ޙަސަން ދީދީ އެވެ.
މި މަސައްކަތު ބައްދަލުވުންތަކުގައި ހަކަތަ އިގްތިސާދު ކުރުމާއި ހަކަތަ ހެޔޮގޮތުގައި ބޭނުންކުރުމާއި ބެހޭ ގޮތުން ދަރިވަރުންނަށް ވަނީ މަޢުލޫމާތު ދީފައެވެ. ދަރިވަރުންނަށް ޙިއްސާ ކުރެވުނު މަޢުލޫމާތު ތެރޭގައި ކަރަންޓް މީޓަރުގެ ރީޑިންގ ނަގާނެގޮތާއި، ކަރަންޓު އާލާތްތަކުގައި ހުންނަ ކަރަންޓް ނޭމްޕްލޭޓްގައިވާ މަޢުލޫމާތު ދެނެގަންނާނެ ގޮތާއި ކަރަންޓް ބިލްގައިވާ މަޢުލޫމާތު ދެނެގަންނާނެ ގޮތުގެ މަޢުލޫމާތު ހިމެނެއެވެ. މި ބައްދަލުވުންތަކުގައި ދަރިވަރުންނަށް މައުލޫމާތުދެއްވީ މި މިނިސްޓްރީގެ އެލް.ސީ.އީ.އައި ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓާއި، އެނަރޖީ ޑިޕަރޓްމަންޓާއި މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ފަންނީ ބޭފުޅުންނެވެ.
ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢަކީ މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.