ޚަބަރު

މާލީ އިދާރާތަކުން ފައިސާ ފޯރުކޮށްދިނުމުގައި އެނަރޖީ އެފިޝަންސީއަށް ރިޢާޔަތްކުރާ މިންވަރު ދިރާސާކުރުމަށް މި މިނިސްޓްރީ އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

5 ޖުލައި 2017

މާލީ އިދާރާތަކުން ފައިސާ ފޯރުކޮށްދިނުމުގައި އެނަރޖީ އެފިޝަންސީއަށް ރިޢާޔަތްކުރާ މިންވަރު ދިރާސާކުރުމަށް މިމިނިސްޓްރީ އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި ފަހުމުނާމާއަކީ ރާއްޖޭގައި ހިންގާ ފައިނޭންޝަލް އިންސްޓިޓިއުޓްތަކުން، ޢިމާރާތްކުރުމުގެ ދާއިރާއަށް ދެވޭ ލޯނާއި އަދި އެހެނިހެން އިންސްޓްރުމަންޓްތައް ދިނުމުގައި ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ ބޭނުންކުރުމަށް ބާރުއަޅާތޯ ބެލުމާއި އަދި މިދާއިރާއަށް އިސްކަންދެވޭ މިންވަރު ބެލުންމަށް ދިރާސާއެއް ހެދުމަށް ސޮއިކުރެވުނު ފަހުމުނާމާއެކެވެ.
މި ފަހުމުނާމާގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމެންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤު އިބްރާހިމެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ލަތީފެވެ.
މިދިރާސާއަކީ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް ޕްރޮޖެކްޓްގެ ދަށުން ހެދޭ ދިރާސާއެކެވެ. މި ޕްރޮޖެކްޓަކީ މިމިނިސްޓްރީއާއި އ.ދ ގެ ތިމާވެއްޓާއިބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.
މި ދިރާސާގެ މަޤްސަދަކީ މި ދިރާސާގެ ހޯދުންތަކުގެ އަލީގައި އިމާރާތްކުރުމުގެ ދާއިރާގައި ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ ތަޢާރަފްކޮށް އަދި ސާފުހަކަތަ ބޭނުންކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ބޭނުންވާ ޓެކްނިކަލް އެހީތެރިކަމާއި މާލީގޮތުން ލުއިފަސޭހަ ގޮތްތައް ތަޢާރަފްކުރުމުށް މާލީ އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ދުނިޔޭގައި އަހަރެއްގެ މައްޗަށް، ޖައްވަށް ބޭރުކުރެވޭ ގްރީންހައުސް ގޭހުގެ ތެރެއިން 30 އިންސައްތަ ، އަދި އުފައްދާ ހަކަތައިގެ 40 އިންސައްތަ ހިއްސާ ކުރަނީ އިމާރާތްތައްކުގެ ބައިންނެވެ. އަދި ޢިމާރާތް ތަކުގެ ދާއިރާއިން ބޭނުންކުރެވޭ ހަކަތަ އުފެއްދުމުން ޖައްވަށް ބޭރުވާ ގްރީންހައުސް ގޭހުގެ ނިސްބަތް ކުރިޔަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި ދެ ގުނައަށް އިތުރު ވެގެންދާނެ ކަމަށް އަންދާޒާ ކުރެވެއެވެ.