ޚަބަރު

ޏ. ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުއަށް ކުވައިތު ފަންޑުން ލޯނު ދީފި

13 ޖުލައި 2017

ޏ. ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުއަށް ކުވައިތު ފަންޑުން ލޯނު ދީފިއެވެ. ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުއަކީ ނެދަލޭންޑްސްގެ އެންޓަރޕްރައިސް އޭޖެންސީ (އޯރިއޯ) އިން ދޭ ހިލޭ އެހީ އާއި ކުވައިތު ފަންޑް ފޯރ އެރެބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކުވައިތު ފަންޑް) އިން ދޭ ލޯން އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގާތްގަނޑަކަށް ޖުމްލަ 22 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢު ހިންގުމަށް ކުވައިތު ފަންޑުން ދީފައިވަނީ 3.6 މިލިއަން ކުވައިތީ ދީނާރު (ގާތްގަނޑަކަށް 11.88 މިލިއަން އެމެރިކާ ޑޮލަރު) ގެ ލޯނެކެވެ.

މި މަޝްރޫޢުއަކީ ފުވައްމުލަކުގެ ތިމާވެއްޓަށާއި، އިޤްތިސާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ވަރަށް ބޮޑަށް ފައިދާ ކުރާނެ މަޝްރޫޢުއެކެވެ. އެގޮތުން، މި މަޝްރޫޢުގެ ސަބަބުން ފުވައްމުލަކުގެ ނާޒުކު ތިމާވެށި ހިމާޔަތްކުރެވި، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހި ވެގެންދާ މަޝްރޫޢެކެވެ. ފުވައްމުލަކަކީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށަކަށްވެފައި، ބިމުގެ ގޮތުން ބަލާއިރުވެސް ރާއްޖޭގައި ހިމެނޭ އެންމެ ބޮޑެތި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އަދި އެރަށަކީ ރަށުގެ ރަށްވެހިން ގިނަ އަދަދަކަށް ދިރިއުޅޭ އަދި ފެންވަރު ރަނގަޅު ތަޢުލީމާއި ސިއްޙީ ޚިދުމަތްދޭ ރަށަކަށްވާތީ އާއި ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ފުރުސަތުއޮތް ރަށަކަށްވާތީ އެހެން ރަށްރަށުގއ މީހުން އެރަށަށް ހިޖުރަކުރާ ރަށެއްވެސް މެއެވެ. މީގެ އިތުރުން، ފުވައްމުލަކަކީ ގޮނޑުދޮށް ގިރުމުގެ މައްސަލަ އެންމެ ބޮޑަށް ތަހައްމަލުކުރަން ޖެހިފައިވާ ރަށެކެވެ.

ކުވައިތު ފަންޑުން ދެއްވާ 3.6 މިލިއަން ކުވައިތީ ދީނާރުގެ މި ލޯނަކީ 1.5 ޕަސަންޓް އިންޓްރެސްޓްގައި 4 އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު 20 އަހަރު ދުވަހުން އަނބުރާ ދައްކާގޮތަށް ހަމަޖެހިފައިވާ ކޮންސެޝަނަލް ލޯނެކެވެ.