ޚަބަރު

ސަރަޙައްދީ ކުނި މެނޭޖުކުރުމާބެހޭ ރިސޯޓް ފޯރަމެއް ބޭއްވިއްޖެ

19 ޖޫން 2016

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި ގުޅިގެން ބާއްވާ “ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ރިސޯޓް ފޯރަމް” މިރޭ ހޮޓަލް ޖެންގައި ބާއްވައިފިއެވެ.

މިފޯރަމަކީ ނ،ރ،ބ އަދި ޅ މި އަތޮޅުތަކުގެ ރިސޯޓްތަކަށް އަމާޒްކޮށްގެން ކުނި މެނޭޖްކުރުމުގެ ސަރަޙައްދީ މަޝްރޫޢުގެ ދަށުން އެއަތޮޅުތަކުގެ ރިސޯޓްތަކުން އުފައްދާ ކުނި އެއްތަނަކަށް ގެނެސް ތިމާވެއްޓަށާއި އިންސާނުންގެ ޞިއްޙަތައް ރައްކާތެރި ގޮތެއްގައި ހަރުދަނާ ނިޒާމެއްގެ ދަށުން މެނޭޖްކުރުމަށްޓަކައި އެސަރަޙައްދުގައި ރ.ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއިން ލިބިގެންދާނެ ޚިދުމަތްތަކާއި ކުނި ނެގުމާއި، އުފުލުމުގައި އަދި މެނޭޖްކުރުމުގައި ފީއެއް ނެގުމުގެ ނިޒާމް ހަމަޖެހިފައިވާ ގޮތާއި ބެހޭގޮތުން މައުލޫމާތުދީ މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މީގެ އިތުރުން މިނިސްޓްރީން އަދި ވެމްކޯއިން މިސަރަޙައްދުގެ ކުނި މެނޭޖުކުރުމުގެ ނިޒާމް އިތުރަށް ޙަރުދަނާ ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ އިތުރުން ކުރިއަށް ރޭވިފައިވާ މުހިއްމު މަޝްރޫޢުތަކާއި ބެހެގޮތުންވެސް މި ފޯރަމުގައި މަޝްވަރާ ކުރެވުނެވެ. މިފޯރަމްގައި މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި މޯލްޑިވްސް އެސޯސިއޭޝަން ފޮރ ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) އަދި ނ،ރ،ބ އަދި ޅ އަތޮޅުތަކުގައި ހިމެނޭ ގިނަ ރިސޯޓްތަކުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.