ޚަބަރު

އެނަރޖީ އެފިޝެންސީ ބެޖް ޕްރިންޓް ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

25 ސެޕްޓެމްބަރ 2017

އެނަރޖީ އެފިޝެންސީ ބެޖް ޕްރިންޓް ކުރުމަށް ކުރެވުނު ޢިއުލާނަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ބިޑް ކާމިޔާބުކުރި އަލްފާޟިލް އަޙުމަދު ނަޝީދާއި މިމިނިސްޓްރީ އާއި ދެމެދު މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިނިސްޓްރީގައި ބާއްވައިފިއެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕަރމަނަންޓް ސެކެރެޓަރީ އަލްފާޟިލް އަޖުވަދު މުސްތަފާއެވެ.
މިނިސްޓީން ދޭ ފަރުމާއަކާއި އެއްގޮތަށް 20،000 ބެޖް ޕްރިންޓްކޮށް، 50 ދުވަހުގެ ތެރޭގައި ފޯރުކޮށްދިނުމަށް ކޮންޓްރެކްޓަރ ހުށައަޅާފައިވާ އަގަގީ 120،600 ރުފިޔާއެވެ.
މި އެއްބަސްވުމުގެ ދަށުން ޕްރިންޓްކުރާ ބެޖްތަކަކީ މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަނާއި ދަ ސްކކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެމްބަރުނަށް އަމާޒުކޮށްގެން ކުރައިށްގެންދިއުމަށް ކަނޑައަޅާފައިވާ އެނަރޖީ އެފިޝަންސީ ބެޖްތަކެވެ. މިއީ، 15 މާރޗް 2016 ގައި މިނިސްޓްރީއާއި ދެ އެސޯސިއޭޝަނާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން، ގައިޑުންނާއި ސްކައުޓުން ކްލައިމެޓް ޗޭންޖާއި އެނަރޖީ އެފިޝަންސީއަށް އަހުލުވެރިކުރުވުމަށް ހިންގޭ ހަރަކާތްތެކެވެ.
މި މަސައްކަތަކީ މިމިނިސްޓްރީއާއި އ.ދ ގެ ތިމާވެއްޓާއިބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) އެހީގެ ދަށުން، ކުރިއަށް ގެންދާ “ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް” މަޝްރޫޢުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ އެނަރޖީ އެފިޝަންސީއާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދެވޭ މަސައްކަތެކެވެ. މި ބެޖްގެ ޒަރީއްޔާއިން އެނަރޖީ އެފިޝަންސީއާއި، ރައްކާތެރިގޮތުގައި ކަރަންޓް އާލާތްތައް ބޭނުންކުރުމާއި، އެނަރޖީ އޮޑިޓިންނާއި، ޖައްވަށްދޫކުރާ ވިހަގޭސް މަދުކުރުމާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.