ޚަބަރު

ނުވަ ރަށެއްގެ ނަރުދަމާ ނިޒާމުގެ ލޭބަރ މަސައްކަތުގެ ކޮންޓްރެކްޓުގައި ސޮއިކޮށްފި

5 އޮކްޓޯބަރ 2017

ނުވަ ރަށެއްގެ ނަރުދަމާ ނިޒާމުގެ ލޭބަރ މަސައްކަތް ކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. އެގޮތުން މިއަދު މި ޙަވާލުކުރެވުނީ ފ. ފީއަލި، އދ. ހަންޏާމީދޫ، އދ. އޮމަދޫ، ކ. ކާށިދޫ، ލ. މާވަށު ، ރ. މާކުރަތު، ރ. ރަސްމާދޫ، ހއ. އުތީމު އަދި ނ. ލަންދޫގެ ނަރުދަމާ ނިޒާމުގެ ލޭބަރ މަސައްކަތުގެ ކޮންޓްރެކްޓެވެ.

ޝީ ބިލްޑިންގ ގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފ. ފީއަލި، އދ. ހަންޏާމީދޫ، އދ. އޮމަދޫ، ކ. ކާށިދޫ، ލ. މާވަށު އަދި ރ. މާކުރަތުގެ ނަރުދަމާގެ ލޭބަރ މަސައްކަތް ޙަވާލުކޮށްފައިވަނީ ޕުއިރިޓަސް ޕްރައިވެޓް ލިމިޓެޑާއެވެ. މި ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 73,951,043.46 ދިވެހި ރުފިޔާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި ޕުއިރިޓަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަލްފާޟިލް ރަޖިތާ ކަރިޔަވަސަނެވެ.

އަދި ރ. ރަސްމާދޫ، ހއ. އުތީމު އަދި ނ. ލަންދޫގެ ނަރުދަމާގެ ލޭބަރ މަސައްކަތް ޙަވާލުކޮށްފައިވަނީ ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 30,916,119.57 ދިވެހި ރުފިޔާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ސައުދުﷲ އަހުމަދެވެ.

މި މަޝްރޫޢުގެ ލޭބަރ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 12 މަސް ދުވަހެގެ ތެރޭގައެވެ.