ޚަބަރު

އެއޯސިސްގެ މެމްބަރު ޤައުމުތަކުގެ ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރުންގެ ފުރަތަމަ ބައްދަލުވުން ދިވެހިރާއްޖޭގައި

8 އޮކްޓޯބަރ 2017

އެލަޔަންސް ފޯރ ސްމޯލް އައިލެނޑް ސްޓޭޓްސް (އެއޯސިސް)ގެ މި ދައުރުގެ ޗެއަރގެ ހައިސިއްޔަތުން، ދިވެހިރާއްޖެ އިންޓަރނޭޝަނަލް ރިނިއުއަބަލް އެނަރޖީ އޭޖެންސީ (އައިރީނާ) އާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ އިނީޝިއޭޓިވް ފޯރ ރިނިއުބަލް އައިލެންޑް އެނަރޖީ (އައިރީ)ގެ ވަޒީރުންގެ ފުރަތަމަ ބައްދަލުވުން މި މަހު 10 އިން 11 އަށް ބަނޑޮސް މޯލްޑިވްސްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައަދުލުވުމުގައި އެއޯސިސް މެމްބަރު ޤައުމުތަކުގެ ތިމާވެއްޓާއި ހަކަތައާބެހޭ 13 ވާޒީރުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މިބައްދަލުވުމާއި ބެހޭ ގޮތުން، ރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓަރ ތޯރިޤް ވިދާޅުވީ، ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) އިން ވަނީ އިޔާދަކުރަނިވި ހަކަތައަށް ވާސިލުވުމަށްޓަކައި ފުރިހަމަ ތަސައްވުރެއް ޤާއިމްކޮށްފައެވެ. އަދި، އެއޯސިސްގެ ޗެއަރ ގެ ހައިސިއްޔަތުން ކުދި އަދި ބިންތިރި ޖަޒީރާ ޤައުމުތަކުގައި އިޔާދަކުރެވެނިވި ހަކަތައިގެ އިންފްރާސްޓްރަކްޗަރއަށް އިސްކަންދޭ މިންވަރު މިހާރު ވަނީ އިތުރު ކޮށްފައެވެ. އަދި އިޔާދަކުރެވެނިވި ހަކަތައިގެ މިތަސައްވުރަށް ވާސިލްވުމަށް އައިރީމެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށްވެސް މިނިސްޓަރ ތޯރިޤް ވިދާޅުވިއެވެ.

އައިރީގެ މި ބައްދަލުވުމުގައި އެންމެ އިސްކަމެއްގެ ގޮތުގައި މަޝްވަރާ ކުރެވޭނީ ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައި މިދާއިރާއިން ގުޅުން ބަދަހިކޮށް، މިޤައުމުތަކުން ކުރިއަށްގެންދާ އިޔާދަކުރުވަނި ހަކަތައިގެ މާޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް މެދުވެރިކޮށް ލިބޭ މާލީ، ފަންނީ އަދި މީހުން ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މިހާރަށްވުރެ ހަރުދާނާ ގޮތެއްގައި މަސައްކަތް ކުރުމަށް މަގުފަހި ކުރުމެވެ.

ސިޑްސްގެ ޤައުމުތަކުން އެޤައުމުތަކުގެ ހަކަތަ އުފައްދާ ނިޒާމާއި، ދަތުރުފަތުރުކުރުމުގެ ނިޒާމާއި، ފިނިއަދި ހޫނުކުރުމުގެ ނިޒާމުތައް ސާފު އަދި އިޔާދަ ކުރަނިވި ހަކަތައަށް ބަދަލުކުރުމުގައި މާލީ ގޮތުންނާއި، ފަންނީގޮތުނާއި ސިޔާސީ ގޮތުން ގިނަ ހުރަސްތަކެއް ގިރާކުރަންވަނީ ޖެހިފައެވެ. މިކަމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މިޤައުމުތަކުގެ ކުޑަބޮޑުމިނާއި ޖިއޮގްރަފީއާއި ފުދުންތެރިކަމުގެ މިންވަރު ހިމެނެއެވެ. މި ބައްދަލުވުމުގެ ސަބަބުން ސިޑްސް ޤައުމުތަކާއި އެހީދޭ ޖަމްޢިއްޔާ ޖަމާއަތްތަކާއި މިނޫންވެސް އެހެނިހެން ފަރާތްތަކުގެ މެދުގައި މަޝްވަރާކުރެވި މިފަދަ ހުރަސްތައް ކުޑަކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން އިޔާދަ ކުރުވަނިވި ހަކަތައިގެ މަޝްރޫޢުތަކަށް ކުރަންޖެހޭ ހޭދަ ކުޑަކުރެވި، މި ފަދަ މަޝްރޫޢުތަކުގައި ބައިވެރިވާ ފަރާތްތަކަށް ފަހި މާހައުލެއް ޤާއިމްކުރުމަށް އެހީތެރިކަން ލިބިގެންދާނެއެވެ.

އައިރީގެ މައިގަނޑު މަޤްސަދަކީ ސިޑްސްގެ ޤައުމުތަކުން ކުރިއަށް ގެންދާ، އެޤައުމު ތަކުގެ މޫސުމަށް އަންނަ ބަދަލުތަކުގެ ޤައުމީ މަޝްރޫޢު (އެން.ޑީ.ސީ) ތަކުގައި ހިމެނިފައިވާ، އިޔާދަކުރުވަނި ހަކަތައާއި އެނަރޖީ އެފިޝަންސީ ކޮމްޕޯނަންޓް ހިންގުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހިތެރިކަން ހޯދުމެވެ. އަދި މި ކަމަށްޓަކައި ސަރުކާރުތަކާއި އެހީ ފޯރުކޮށްދޭ ޖަމާއަތްތަކުގެ އެހީތެރިކަން ލިބުމަކީ މުހިންމުކަމެކެވެ. މިއަމާޒަށް ވާސިލްވުމުށްޓަކައި 2020ގެ ނިޔަލަށް، އައިރީގެ ޒަރިއްޔާއިން 1 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ކަށަވަރުކުރުން ކަނޑައެޅިފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނެއެވެ.

“ޖައްވަށް ދޫކުރާ ވިހަ މާއްދަތައް ބޭރުކުރުމުގައި ކުދި ޤައުމުތަކުގެ ދައުރު ކުޑަނަމަވެސް، ތިމާވެށިގެ މައްސަލަތަކުގައި އަޅުގަނޑުމެން މި ދަނީ އިސް ދައުރެއްއަދާކުރަމުންނެވެ. އައިރީ އަކީ މިފަދަ ވަރަށްމުހިންމު އިސްނެގުމެއް. ތިމާވެށިގެ މައްސަލަތަކުގައި ފާއިތުވި 30 އަހަރު ދިވެހި ރާއްޖެ މިވަނި ބައިންލްއަޤްވާމީ ދުނިޔޭގައި ކުރިއެރުންތަކެއްހޯދާފައި” މިނިސްޓަރ ތޯރިޤް ވިދާޅުވިއެވެ.

20171008-pic-mv-to-host-high-level-irie-02