ޚަބަރު

ދިހަ ރަށެއްގެ ނަރުދަމާގެ މަޝްރޫޢުތަކަށް ބޭނުންވާ މެޓީރިއަލް އަދި އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފި

19 އޮކްޓޯބަރ 2017

10 ރަށެއްގައި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް ބެނުންވާ މެޓީރިއަލްސް އަދި އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ޙަވާލުކޮށްފައިވަނީ ސްޓޭޓް ޓްރެޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ ޕލކ) އާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ތާރިޤް އިބްރާހީމެވެ. އަދި އެސް.ޓީ.އޯ ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރ އަލްފާޟިލް މުހައްމަދު މާހިދެވެ.

މިއަދު މި ޙަވާލުކުރީ ފ. ފީއަލި، އދ. ހަންޏާމީދޫ، އދ. އޮމަދޫ، ކ. ކާށިދޫ، ލ. މާވަށު، ރ. މާކުރަތު، ރ. ރަސްމާދޫ، ހއ. އުތީމު ހއ.ބާރަށު އަދި ނ. ލަންދޫގެ ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ މެޓީރިއަލްސް އަދި އިކުއިޕްމަންޓް ފޯރުކޮށްދިނުމުގެ މަސައްކަތެވެ.

10 ރަށަށް މެޓީރިއަލް އަދި އިކުއިޕްމަންޓް ފޯރުކޮށްދިނުމުގެ މި ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 133,008,951.31 ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައެވެ.