ޚަބަރު

ގދ. ގައްދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ކޮންޓްރެކްޓުގައި މިއަދު ސޮއިކޮށްފި

14 ޖުލައި 2016

ގދ. ގައްދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ކޮންޓްރެކްޓުގައި މިއަދު ސޮއިކޮށްފިއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ ހެވީފޯސް ޕްރައިވެޓް ލިމިޓެޑާއެވެ. މި ކޮންޓްރެކްޓުގައި މި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮޕް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމްއެވެ. އަދި ހެވީފޯސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހިމް ޒަމީރެވެ. ގދ. ގައްދޫގެ މި މަޝްރޫޢަކީ ސަރުކާރުގެ ޚަރަދުގައި މިއަހަރުތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެވެ.

ރަށްގިރުމުގެ މައްސަލަ ނުހަނު ބޮޑަށް ކުރިމަތިވެފައިވާ މި ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ޖުމްލަ ޚަރަދުވާނެކަމަށް ލަފާކުރެވޭ އަގަކީ 18 މިލިއަން ދިވެހި ރުފިޔާއެވެ. މި މަޝްރޫޢުތަކުގެ ދަށުން ގައްދޫގައި 950 މީޓަރުގެ ބޮޑު ހިލައިގެ ތޮށި ޤާއިމްކުރެވިގެންދާނެ އެވެ. އަދި މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ މި ހިނގާ 2016 ވަނަ އަހަރުގެ ފަހުކޮޅުގައެވެ.