ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ރ. މަޑުއްވަރީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުމުގެ ރަސްމިއްޔާތު އިފްތިތާޙްކޮށްފި

24 އޮކްޓޯބަރ 2017

ރ. މަޑުއްވަރީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އިފްތިތާޙްކޮށްދެއްވައިފިއެވެ. ރައީސް މިކަން އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކައި ރ. މަޑުއްވަރީގައި މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި މަޝްރޫޢުއަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 04 ސެޕްޓެމްބަރ 2014 ގައެވެ. އަދި މި މަސައްކަތް ނިމިފައިވަނީ 01 އޯގަސްޓް 2015 ގައެވެ. މި މަޝްރޫޢުގެ ދަށުން މަޑުއްވަރީ ގިރާ ސަރަޙައްދުގައި 10187.50 ކޮޑިމީޓަރުގެ ވެލިއަޅައި 890 މީޓަރު ދިގުމިނަށް ބޮޑު ހިލައިގެ ރިވެޓްމަންޓް ޖަހާ މި ސަރަޙައްދުވަނީ ހިމާޔަތްކޮށްފައެވެ.

މި މަޝްރޫޢުގެ ޖުމްލަ އަގަކީ 29, 318, 263.10 (ނަވާވީސް މިލިއަން، ތިންސަތޭކަ އަޝާރަ ހާސް، ދުއިސައްތަ ފަސްދޮޅަސްތިން ރުފިޔާ، ދިހަ ލާރި) ދިވެހި ރުފިޔާއެވެ. އަދި މި މަޝްރޫޢުއަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ.