ޚަބަރު

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރާއި ގުޅޭގޮތުގެ ރިޕޯޓާމެދު މަޝްވަރާކުރެވިއްޖެ

26 އޮކްޓޯބަރ 2017

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރާއި ގުޅޭގޮތުގެ ރިޕޯޓާމެދު މަޝްވަރާކުރުމަށް ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ. ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި މި ބައްދަލުވުން ފައްޓަވައިދެއްވީ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލް އަޖުވަދު މުސްޠަފާއެވެ. މި ބައްދަލުވުމަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑް (ޔުނިސެފް) ގުޅިގެން ބޭއްވޭ މަޝްވަރާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ސަރުކާރުގެ އެކި ވުޒާރާތަކުންނާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުން ޖުމްލަ 20 ބައިވެރިން ބައިވެރިވެއެވެ. މި ބައްދަލުވުމުގެ މަޤްސަދަކީ މޫސުމަށް އަންނަ ބަދަލުތަކުން ކުޑަކުދިންނަށް ދިމާވާ މައްސަލަތައް ދެނެގަނެ އެކަންތަކަށް ގެނެވޭނެ ހައްލުތަކާ ބެހޭގޮތުން މަޝްވަރާކޮށް އެކަމާ ގުޅޭގޮތުން ހަދާފައިވާ ޑްރާފްޓް ރިޕޯޓަށް ކޮމެންޓުކުރުމެވެ. މި ރިޕޯޓު ތައްޔާރުކުރުމަށް ރާއްޖޭގެ 06 ރަށަކަށް ގޮސް ސާރވޭވަނީ ކޮށްފައެވެ. އެގޮތުން އައްޑުޫ ސިޓީ، ފުވައްމުލައް، ބ. ހިތާދޫ، އދ. ރަސްދޫ، ހދ. ކުޅުދުއްފުށި އަދި ހއ. ތުރާކުނަށް ސާރވޭ ޓީމަކުން ޒިޔާރަތްކޮށް ބޭނުންވާ މަޢުލޫމާތު ވަނީ ހޯދާފައެެވެ.

މި ބައްދަލުުވުމުގައި މިހާރު ތައްޔާރުކުރެވިފައިވާ ރިޕޯޓަށް ބައިވެރިންގެ ޚިޔާލާއެކު އިތުރު ކަންތައްތައް އިތުރުކުރެވިގެން ރިޕޯޓް ވަނީ ފައިނަލް ކޮށްފައެވެ.