ޚަބަރު

ސާފު ރާއްޖެ ޤައުމީ މަހާސިންތާ ބާއްވައިފި

19 ޖުލައި 2016

“ސާފު ރާއްޖެ ޤައުމީ މަހާސިންތާ” ގެ ނަމުގައި މަހާސިންތާއެއް ބާއްވައިފިއެވެ. މި މަހާސިންތާ ކުރިއަށް ދިޔައީ މި މަހުގެ 17ން 19 އަށް ދަރުބާރުގޭގައެވެ. މި މަހާސިންތާގައި ރަށްރަށުގެ ކައުންސިލަރުން ހިމަނައިގެން ޖުމްލަ 265 މީހުން ވަނީ ބައިވެރިވެފައެވެ.

މި މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމް ވިދާޅުވީ ރާއްޖޭގައި ކުނި މެނޭޖްކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މިކަމަށް ޚާއްސަކޮށް މީހުން ތަމްރީނު ކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށާއި މި މަސައްކަތުގެ ދަށުން 70 މީހަކު ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަމްރީން ކުރައްވާފައިވާކަމަށެވެ.

އަދި މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އަލްފާޟިލް މުޙައްމަދު މުނައްވަރު ވިދާޅުވީ ރާއްޖޭގައި ކުނި މެނޭޖްކުރެއްވުމަށްޓަކައި 370 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށެވެ.

“ކުނި މެނޭޖް ކުރުމާބެހޭ ޕްލޭން ތައްޔާރުކުރުމަށް އެހީއެއް” މި ނަމުގައި އަތްމަތީ ފޮތެއްވެސް މި ރަސްމިއްޔާތުގައި ވަނީ ނެރެފައެވެ. މީގެ އިތުރުން މި މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ހުރިހާ ކައުންސިލްތަކުން ވަނީ “ސާފު ރާއްޖެ” އެމް.އޯ.ޔޫގައި ސޮއިކޮށްފައެވެ.