ޚަބަރު

މާލެ ސިޓީގައި އެންމެ އެކަށީގެންވާ ގޮތަކަށް ކުނި މެނޭޖުކުރުމަށް ބޭނުންވާ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވާ ދިރާސާކުރުމަށް ބަޔަކާ ޙަވާލުކޮށްފި

3 އޯގަސްޓް 2016

މާލެ ސިޓީން އެންމެ އެކަށީގެންވާ ގޮތަށް ކުނި ނެގުމަށް ބޭނުންވާ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވާ ދިރާސާގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފިއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ ވޯޓަރ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި ވޯޓަރ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަލްފާޟިލް ޙަސަން ޝާހެވެ.

މިއަދު މި ޙަވާލުކުރެވުނު މަސައްކަތުގެ ދަށުން ކުރީގައި މާލެ ސަރަޙައްދުގައި ހިންގާފައިވާ ދިރާސާތަކުގެ މަޢުލޫމާތު އެއްކުރުމާއި ދިރާސާތަކުގެ މަޢުލޫމާތަށް ރިޢާޔަތްކޮށް މާލޭގައި ކުނި ނަގާ، މާލެ ތެރޭގައި ކުނި އުފުލުމާއި، އެކުނި މާލެއިން ބޭރުކުރުމަށް ޒަމާނީ ފެންވަރުގެ އިޙްތިޔާރީ ނިޒާމްތަކުގެ ކޮންސެޕްޓްތަކެއް ޑިޒައިންކުރުން ހިމެނެއެވެ. 06 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަސައްކަތުގެ ޖުމްލަ އަގަކީ 1,035,000.00 ދިވެހި ރުފިޔާއެވެ.