ޚަބަރު

ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާއާއި ބެހޭ ތަފާސްހިސާބު ހިމެނޭ ފޮތް “އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2017″ އިފްތިތާޙުކޮށްފި

17 ޑިސެމްބަރ 2017

ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާއާއި ބެހޭ ތަފާސްހިސާބު ހިމެނޭ ފޮތް “އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2017″ މިއަދު ނެރެފިއެވެ. މި ފޮތް ނެރެދެއްވީ މިކަމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމެވެ.

ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާއާއި ބެހޭ މަޢުލޫމާތު އެއްކޮށް “އެނަރޖީ އައުޓްލުކް ފޮރ އިންހެބިޓެޓް އައިލެންޑް 2013” ގެ ނަމުގައި ފުރަތަމަ ފަހަރަށް މިފަދަ ފޮތެއް މި މިނިސްޓްރީއިން ވަނީ ޝާއިޢުކޮށްފައެވެ. އަދި މީގެ ދެވަނަ ފޮތް “އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2016” މި ނަމުގައި ވޭތުވެދިޔަ އަހަރުގެ ޑިސެމްބަރުމަހު ވަނީ ޝާއިޢުކޮށްފައެވެ. “އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2017″ އަކީ މިސިލްސިލާގެ 3 ވަނަފޮތެވެ. މި ފޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ނިޒާމުތަކުގެ މުހިއްމު މަޢުލޫމާތުތަކާއި، ހަކަތައިގެ ދާއިރާއަށް ބޭނުންތެރި ގިނަ ތަފާސްހިސާބުތައް ވަނީ ހިމެނިފައެވެ. މީގެ އިތުރުން ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި ކަރަންޓު އުފައްދައި ބޭނުންކުރެވުނު މިންވަރުގެ މަޢުލޫމާތުވެސް މި ފޮތުގައި ވަނީ ހިމެނިފައެވެ. އަދި ވޭތުވެދިޔަ 10 އަހަރުގެތެރޭގައި ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހޯދިފައިވާ ކުރިއެރުންތަކާއި އަދި ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ބޭނުންކުރަމުންދާ އިއާދަކުރަނިވި ހަކަތައިގެ އެކިއެކި ވަސީލަތްތަކުގެ މަޢުލޫމާތު ވެސް މިފޮތުގައި ހިމެނިފައިވެއެވެ.

“އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2017” ގެ ތަފާސްހިސާބު ދައްކާގޮތުން 2016 ވަނަ އަހަރުގެތެރޭގައި 445,036 މެޓްރިކް ޓަނުގެ ޑީސަލް، 47,794 މެޓްރިކް ޓަނުގެ ޕެޓްރޯލް، 30,611 މެޓްރިކް ޓަނުގެ އޭވިއޭޝަން ގޭސް، އަދި 13,619 މެޓްރިކް ޓަނުގެ ކެއްކުމަށް ބޭނުންކުރާ ގޭސް ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ. އަދި 2016 ވަނަ އަހަރު މީހުން ދިރިއުޅޭ ރަށްރަށުގައި ޖުމްލަ 628 ގިގަވޮޓްއަވަރގެ ކަރަންޓު ހަކަތަ ބޭނުންކޮށްފައިވެއެވެ. މީގެ ތެރެއިން 59.8 އިންސައްތަ ބޭނުންކޮށްފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޖުމްލަ 214 މެގަވޮޓް ކެޕޭސިޓީގެ ޖެނެރޭޓަރު ބެހެއްޓި، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އިރުގެ އަލިން ހަކަތަ އުފައްދާ މިންވަރުވަނީ 6 މެގަވޮޓަށް އިތުރު ކުރެވިފައެވެ.