ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ޅ. ހިންނަވަރުގެ ފެނުގެ ނިޒާމުގެ ޚިދުމަތް ފައްޓަވައިދެއްވައިފި

25 ޑިސެމްބަރ 2017

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދﷲ ޔާމީން ޢަބްދުލް ޤައްޔޫމް ޅ. ހިންނަވަރުގެ ފެނުގެ ނިޒާމުގެ ޚިދުމަތް ފައްޓަވައިދެއްވައިފިއެވެ. އެ މަނިކުފާނު މި ޚިދުމަތް ފައްޓަވައިދެއްވީ އެކަމަށްޓަކައި ހިންނަވަރުގައި މިއަދު ހެނދުނު ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައެވެ.

ޅ.ހިންނަވަރުގައި ފެނުގެ ނިޒާމު ޤާއިމުކުރެވިފައިވަނީ އެމެރިކާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޔުނައިޓަޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫ.އެސް.އެއިޑް) މެދުވެރިކޮށެވެ. އެގޮތުން މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރެވިފައިވަނީ ޔޫ.އެސް.އެއިޑް އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބެލުމުގެ ދަށުން ޔުނައިޓަޑް ނޭޝަންސް އޮފީސް ފޯރ ޕްރޮޖެކްޓް ސާރވިސަސް (ޔުނޮޕްސް) އާއި ހަވާލުކޮށްގެންނެވެ. ޅ. ހިންނަވަރުގެ ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 15 ޑިސެމްބަރު 2015 ގައެވެ. އަދި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިމިފައިވަނީ 15 މެއި 2017 ގައެވެ.

މި މަޝްރޫޢުގެ ދަށުން 40 ޓަނުގެ 02 ޑީސެލިނޭޝަން ޕްލާންޓް ވަނީ ބެހެއްޓިފައެވެ. އަދި މި ޕްލާންޓްތައް މެދުވެރިކޮށް ދުވާލަކު 80 ކިއުބިކް މީޓަރުގެ ފެން އުފެއްދުމުގެ ޤާބިލުކަން މި ނިޒާމަށް ވަނީ ލިބިފައެވެ.