ޚަބަރު

މާލީ އިދާރާތަކުން ފައިސާ ފޯރުކޮށްދިނުމުގައި އެނަރޖީ އެފިޝަންސީއަށް ރިޢާޔަތްކުރާ މިންވަރު ދިރާސާކުރުމަށް ކަމާގުޅުންހުރި ފަރާތްތަކާއި އެކު ބާއްވާ މަސައްކަތު ބައްދަލުވުން އެމްއެންޔޫ ބިސްނަސް ސްކޫލްގައި ބާއްވައިފި

16 ނޮވެމްބަރ 2017

ދިވެހި ޤައުމީ ޔުނިވަރސިޓީގެ ބިސްނަސް ސްކޫލްގެ ފަރާތުން އިންތިޒާމްކޮށްގެން، މާލީ އިދާރާތަކުން ފައިސާ ފޯރުކޮށްދިނުމުގައި އެނަރޖީ އެފިޝަންސީއަށް ރިޢާޔަތްކުރާ މިންވަރު ދިރާސާކުރުމަށް ކަމާގުޅުންހުރި ފަރާތްތަކާއި އެކު ބާއްވާ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ. އެމްއެންޔޫ ބިސްނަސް ސްކޫލްގެ ސެމިނަރ ރޫމްގައި މިއަދު ހެނދުނު ކުރިއަށްދިޔަ މި މަސައްކަތު ބައްދަލުވުމުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ތެރެއިން ކަމާގުޅުން ހުރި ފަރާތްތަކުން މަންދޫބުން ބައިވެރިވިއެވެ. މި މަސައްކަތު ބައްދަލުވުން އިފްތިތާޙު ކޮށްދެއްވީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލް އަޖްވަދު މުސްޠަފާއެވެ.

މި ދިރާސާގެ މަޤްސަދަކީ އިމާރާތް ކުރުމުގެ ދާއިރާއަށް މާލީ އިދާރާތަކުން ފޯރުކޮށްދޭ ޙިދުމަތްތަކުގައި އެނަރޖީ އެފިޝަންސީއަށް ރިޢާޔަތްކުރާ މިންވަރު އިތުރުކޮށް ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ ޙިދުމަތްތައް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ފުރަތަމަ މަރުހަލާއެވެ.

މި މިސައްކަތަކީ މިނިސްޓްރީން ކުރިއަށްގެންދާ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢާއި ދިވެހި ޤައުމީ ޔުނިވަރސިޓީ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢަކީ މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާއިބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ޕްރޮޖެކްޓް މައިގަނޑު މަޤްސަދަކީ، އިމާރާތްތަކުން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ނިސްބަތް މަދުކުރުމަށް އެނަރޖީ އެފިޝަންސީއަށް އާންމުން ހޭލުންތެރިކުރުވުމާއި އަޙުލުވެރިކުރުމަށް ކަމާއި ގުޅުންހުރި ސިޔާސަތުތަކާއި ޤަވާއިދުތައް އެކުލަވާލައި، ހަކަތަ އިސްރާފުކުރުން ކުޑަ ޤައުމަކަށް ދިވެހި ރާއްޖެ ހެދުމެވެ.