ޚަބަރު

މާލޭގެ މަގުތަކަށް ކުނި އެޅުން ހައްލު ކުރުމަށް ޑަސްބިން ބެހެއްޓުމުގެ މަޝްރޫޢު އިފްތިތާޙްކޮށްފި

5 ޖޫން 2018

މާލޭގެ މަގުތަކަށް ކުނި އެޅުން ހައްލު ކުރުމަށް ޑަސްޓްބިން ބެހެއްޓުމުގެ މަޝްރޫޢު މިއަދު އިފްތިތާޙްކޮށްފިއެވެ. މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ މިނިސްޓަރ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. މި މަޝްރޫޢަކީ މާލޭގެ މަގުތަކަށް ކުނި އެޅުމާއި، ގޯޅި ކަންމަތިތަކުގައްޔާއި މަގުތަކުގެ އެކި ދިމަދިމާލުގައި ކުނި އެއްކޮށް ޖަމާކޮށްފައިހުރުމާއި، މިކަމުގެ ސަބަބުން ޢާންމު ރައްޔިތުންނަށް ވަމުންދާ އުނދަގޫތަކާއި ދިމާވަމުންދާ ސިއްޙީ މައްސަލަތައް ހައްލުކުރުމަށް މިނިސްޓްރީއިން ކުރަމުންދާ މަސައްކަތުގެ ތެރެއަށް އަލަށް ތަޢާރަފްކުރެވުނު މަޝްރޫޢުއެކެވެ.

މި މަޝްރޫޢުގެ ދަށުން މާލޭގެ އެކި ހިސާބުތަކުގައި ޑަސްޓިންތައް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ކަންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި މި ޑަސްބިންތައް ހަރުކުރެވިފައި ހުންނަ ހޮޅިދަނޑިތަކުގައި އިޝްތިހާރު ހަރުކުރުމުގެ ފުރުޞަތު ވަނީ ޢާއްމުކޮށް ހުޅުވާލެވިފައެވެ.

މަގުތަކުގައި ބަހައްޓާ ޑަސްބިންތަކުން ޤަވާއިދުން ކުނި ހުސްކުރުމައި އުކާލުމުގެ އެންމެހާ ޒިންމާތައް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ސީ.އެސް.އާރ ގެ ދަށުން ކުރުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.

މާލޭގެ މަގުތަކުގައި މީގެ ކުރިން ޑަސްބިންތައް ބަހައްޓައިގެން ދިމާވި ގޮންޖެހުންތައް ކުރިމަތިވިޔަ ނުދިނުމަށްޓަކައި މި މަޝްރޫޢު ފެށުމަށް ހަމަޖެހިފައިވަނީ އަޖުމަބެލުމުގެ ޕްރޮގްރާމެއްގެ ގޮތުގައެވެ.