ޚަބަރު

“ސާފު ރާއްޖެ- އަހަރެންގެވެސް ޒިންމާ” ގެ ނަމުގައި މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވައިފި

8 ޑިސެމްބަރ 2018

“ސާފު ރާއްޖެ- އަހަރެންގެވެސް ޒިންމާ” ގެ ނަމުގައި މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހެވެ. މި ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ހިމެނޭ، މި ޕްރޮގްރާމް ރަސްމީކޮށް ފެށުން އޮތީ މާފަންނު ސްޓޭޑިއަމް ސަރަޙައްދުގައެވެ. މި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން މިނިސްޓްރީގެ އިސްވެރިންނާއި ސަރުކާރުގެ އެކި ވުޒާރާތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ސާފުކުރުމުގެ ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ ކުނި މެނޭޖްކުރުމާއި ވެށި ސާފުކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ދެކި، އެ އާދަ އެންމެންގެ ކިބައިގައި އަށަގެންނެވުމާއި ކުންޏާ މެދު އާންމުން ހޭލުންތެރިކުރުވުމެވެ. މި ޕްރޮގްރާމްގައި، ރަށްރަށާއި ރިސޯޓުތައް ސާފުކުރުމުގެ ހަރަކާތްތައް ކުރިމަގުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ބައެއް ފަރާތްތަކުން ބައިވެރިވިއެވެ. މިގޮތުން މާލޭގައި ބޭއްވި ސާފުކުރުމުގެ ހަރަކާތް ނިމުނުއިރު ޖުމްލަ 775 ޓަނުގެ ކުނި ވަނީ ނަގާފައެވެ.