ޚަބަރު

މުޅި ރާއްޖެ ފެހިކުރުމުގެ ޕްރޮގްރާމް ‘ރަށް ފެހި’ ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވައިފި

15 ޑިސެމްބަރ 2018

މުޅި ރާއްޖެ ފެހިކުރުމުގެ ޕްރޮގްރާމް ‘ރަށް ފެހި’ ރަސްމީގޮތުން ފަށައިފިއެވެ. މި ޕްރޮގްރާމް ރަސްމީގޮތުން ފައްޓަވައިދެއްވީ އެކަމަށްޓަކައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހެވެ. މި ޕްރޮގްރާމަކީ ރިޔާސީ އާ ދައުރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމެއް އެކުލަވާލައި ފެށުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވަޢުދާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމާއި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކުރުމުގައި ގަސްތަކުގެ ދައުރު އަންގައިދިނުމާއި، ގަސް އިންދައި ބެލެހެއްޓުމަށް ރައްޔިތުން އަހުލުވެރިކޮށް ޒިންމާދާރުކުރުވުމެވެ. އަދި ހަމަ މިއާއިއެކު، ރާއްޖެއިން ނެތެމުންދާ ގަސްތައް ފާހަގަކޮށް، އެފަދަ ގަސްތައް ނެތެމުންދާ ނެތިދިއުން ހުއްޓުވުމާއި، ދިވެހިރާއްޖޭގައި އަލަށް ފެންނަމުންދާ ގަސްތައް ފާހަގަކުރުންވެސް މި ޕްރޮގްރާމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިއަދު ބޭއްވި ގަސް އިންދުމުގެ މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. އަދި މުޅި ރާއްޖޭގައި ގަސް އިންދުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ރަށްރަށުގެ މަގުތަކާއި ހުސްބިންތަކުގައި 4000 އަށްވުރެ ގިނަ ގަސް އިންދުމަށް ވަނީ ހަމަޖެހިފައެވެ.