ޚަބަރު

ވައި ތަޣައްޔަރުކުރާ މާއްދާތަކާއި ގުޅޭ ނެޝަނަލް އެކްޝަން ޕްލޭން ލޯންޗުކޮށްފި

13 ޖޫން 2019

އެއަރ ޕޮލިއުޓަންޓްސް އާއި ގުޅޭ ނެޝަނަލް އެކްޝަން ޕްލޭން ލޯންޗުކޮށްފިއެވެ. މި އެކްޝަން ޕްލޭން ލޯންޗުކޮށްދެއްވީ މިއަދު އެކަމަށްޓަކައި ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަލްފާޟިލާ އައިޝަތު ނަހުލާއެވެ.

މި އެކްޝަން ޕްލޭން ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ޕްލޭން ނެރުމަކީ ސަރުކާރުން މި މަސައްލަ ބަލައިގަނެ، މިކަމަށް މަސައްކަތް ކުރަމުން ދާކަމުގެ ފާހަގައެއް ކަމަށެވެ.

މިއަދު މި ނެރެވުނު ނެޝަނަލް އެކްޝަން ޕްލޭން އޮން އެއަރ ޕޮލިއުޓަންޓްސް އަކީ، ވައި ތަޣައްޔަރު ކުރާ މާއްދާތަކުގެ މިންވަރު އަންދާޒާ ކޮށް، އެކުލަވާލެވުނު މިފަދަ އެންމެ ފުރަތަމަ ސްޓަޑީ އެވެ.
މި ޕްލޭންގައި ހިމެނޭ ބައިތަކުގެ ތެރޭގައި:

– ވައި ތަޣައްޔަރު ކުރާ މާއްދާތައް ނުވަތަ ޕޮލޫޓަންޓް ތައް ވަކި ވަކިން ތަފްސީލު ކޮށްދީފައިވާނެއެވެ.

– ރާއްޖޭގައި ވައި ތަޣައްޔަރު ކުރާ މާއްދާތައް ބޭރުކުރާ ސެކްޓަރ ތަކާއި، ކޮންމެ ސެކްޓަރ އަކުން ވަކި ވަކި މާއްދާތައް ބޭރުވާ މިންވަރު ދެނެގަނެވިފައި ވާނެ އެވެ. (އެމިޝަން ބޭސްލައިން އެއް ކަނޑައެޅިގެން ދިޔުމެވެ.)

– މި މާއްދާތައް މަދުކުރުމަށް އަޅާނެ ފިޔަވަޅުތަކުގެ ނަތީޖާ އެއްގެ ގޮތުން، މި މާއްދާތައް ރާއްޖެއިން ޖައްވަށް ބޭރުކުރެވޭ މިންވަރު މަދުވެގެންދާނެ ވަރު އަންދާޒާ ކުރެވިފައި ވާނެއެވެ. (2030 ވަނަ އަހަރާއި ހަމައަށެވެ.)

– ރާއްޖޭގައި އެމިޝަން މަދުކުރުމަށް ކުރަން މިހާތަނަށް ރޭވިފައި ހުރި މަސައްކަތް ތަކާއި މީގެ އިތުރުން ވެސް ކުރެވިދާނެ ބައެއް މަސައްކަތްތައް ބަޔާން ކުރެވިފައިވާނެއެވެ.

– މި ޕްލޭން އިމްޕްލިމެންޓް ކޮށް މޮނިޓަރ ކުރެވިގެން ދާނެ ގޮތް ހުށަހަޅާފައިވާނެއެވެ.

މި ރަސްމިއްޔާތުގައި ވައި ތަޣައްޔަރުކުރާ މާއްދާތަކާއި ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީ، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް)، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި އީއައިއޭ ކޮންސަލްޓެންޓެއް ވަނީ ޕްރެޒެންޓޭޝަން ހުށަހަޅުއްވާފައެވެ.

މި ޕްލޭނާއި، މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިއާރާއި ވަރަށް ބޮޑަށް ގުޅެއެވެ. މި އަހަރުގެ ޝީއާރަކީ ‘އެއަރ ޕޮލިއުޝަން’ މިއެވެ. މިއީ މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ތިމާވެށީގެ މައްސަލައެވެ. މި ޕްލޭން ނެރުމަކީ ސަރުކާރުން މި މަސައްލަ ބަލައިގަނެ، މިނިސްޓްރީއިން ދަނީ އެކަމަށް މަސައްކަތް ކުރަމުންނެވެ.

މި ޕްރޮޖެކްޓް ކުރިއަށް ގެންދަނީ އެންވަޔަރަންމަންޓް މިނިސްޓްރީއިން، ސްޓޮކްހޯމް އެންވަޔަރަންމަންޓް އިންސްޓިޓިއުޓް ގެ ޓެކްނިކަލް އެހީއާއި، އަދި ކްލައިމެޓް އެންޑް ކްލީން އެއަރ ކޮއަލިޝަންގެ މާލީ އެހީއާއި އެކީގައެވެ.
ކްލައިމެޓް އެންޑް ކްލީން އެއަރ ކޮއަލިޝަން އަކީ ވައި ތަޣައްޔަރު ކުރުވާ (އަދި ޖައްވު ވެސް ހޫނުކުރުވާ) މާއްދާ ތަކެއް ކަމަށްވާ ޝޯޓް ލިވްޑް ކްލައިމެޓް ޕޮލޫޓަންޓްސް މަދުކޮށް މެނޭޖްކުރުމަށް ޤައުމުތަކާއި ގުޅިގެން މަސައްކަތް ކުރާ ކޯލިޝަން އެކެވެ.
މިއަދާއި ހަމައަށް، މި ޕްރޮޖެކްޓްއިން ހާސިލްކޮށްފައިވާ މައިގަނޑު ކަންތައްތައް:
– ރާއްޖޭގައި ވައި ތަޣައްޔަރު ކުރާ މާއްދާތައް މަދުކުރެވޭނެ މިންވަރުގެ އެސެސްމެންޓެއް ނޭޝަނަލް އެކްޝަން ޕްލޭން އޮން އެއަރ ޕޮލޫޓަންޓްސް ގެ ސިފައިގައި ތައްޔާރު ކުރެވުން
– ވައި ތަޣައްޔަރުކުރާ މާއްދާތަކުގެ ބޭސްލައިން އިންވެންޓަރީ އެއް އެކުލަވާލުން
އަދި ކުރިއަށް ހުރި ކަންތައްތަކުގެ ތެރޭގައި ވައި ތަޣައްޔަރު ކުރާ މާއްދާތަކުން ލިބޭ ގެއްލުންތަކަށް ހޭލުންތެރިކުރުމަށް ‘ބްރީތް ލައިފް’ ކެމްޕެއިން ގެ ނަމުގައި ނެޝަނަލް އެވެއަރނަސް ކެމްޕޭނެއް ހެލްތު ޕްރޮޓެކްޝަން އޭޖަންސީ އާއި ގުޅިގެން މި އަހަރު ތެރޭގައި ހިންގުން ހިމެނެއެވެ.