ޚަބަރު

ދިވެހިރާއްޖޭގެ ތިމާވެށްޓަށް އައިސްފައިވާ ބަދަލުތައް ދައްކުވައިދޭ ތާރީޚީ ފޮޓޯ މައުރަޒެއް ބާއްވައިފި

13 ޖޫން 2019

މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތެއްގެ ގޮތުން ދިވެހިރާއްޖޭގެ ތިމާވެށްޓަށް އައިސްފައިވާ ބަދަލުތައް ދައްކުވައިދޭ ތާރީޚީ ފޮޓޯ އެކުލެވޭ މައުރަޒެއް ނޭޝަނަލް އާރޓް ގެލެރީ ގައި ބާއްވައިފިއެވެ. މި މައުރަޒު ހުޅުވައިދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

މި މި މަހުގެ 11 އިން 13 އަށް އާއްމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި މައުރަޒަކީ ޤައުމީ އަރުޝީފް އަދި މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މިގޮތުން ދިވެހި ވެއްޓަށް އައިސްފައިވާ ބަދަލުތައް ފޮޓޯގެ ޒަރިއްޔާއިން މައުރަޒު ކުރެވިގެން ދާއިރު، ތިމާވެށްޓާ ގުޅޭ ތާރީޚީ ލިޔުންތައްވެސް މައުރަޒުން ފެނިގެން ގޮސްފައެވެ.

މި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އިންސާނުންގެ ސިއްޙަތަށާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާމެދު މިއަދު އަޅުގަނޑުމެން ހޭލުންތިރިވެ ކޮންމެ މީހަކުވެސް ފަރުދީގޮތެއްގައި ޒިންމާތަކެއް ނަގަންޖެހޭ ކަމަށެވެ.

މި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު ތާރީޚީ ނަޒަރަކުން ތިމާވެށީގެ ޕްރެޒެންޓޭޝަނެއް ވެސް ވަނީ ގެނެސްދީފައެވެ. މި ޕްރެޒެންޓޭޝަން ދެއްވީ މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ގެ ރިސާރޗް އެނަލިސްޓް އަލްފާޟިލް އަލާ ދީދީ އެވެ. އާއްމުންނަށް ހުޅުވާލައިގެން ބޭއްވި މި ސެޝަންގައި ދިވެހި ތާރީޚުގެ ތެރެއިން ތިމާވެށި ހިމާޔަތްކުރުމަށް ގެންގުޅެފައިވާ އުސޫލުތަކަށް ކަމުގައިވާ ފޯކުލޯރު، ވަގުފުތައް، ސަގާފީ ގަބޫލުކުރުންތައް، ވެރިކަމުގެ ނިޒާމުގެ ތެރެއިން އަދި ޤާނޫނާއި ޤަވާއިދުތަކަށް އަލި އަޅުވާލާފައިވެއެވެ.