ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބު، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑ.ރ ހުސެއިން ރަޝީދު ހަސަން، އ.ދ ގެ ކޮންފެރަންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (ޔޫ.އެން.ސީ.ޓީ.ޑީ) ގެ “ޔޫއެން ޓްރޭޑް ފޯރަމް: އެސްޑީޖީސް އެންޑް ކްލައިމެޓް ޗޭންޖް” ގައި ބައިވެރިވަޑައިގަތުމަށް ފުރާވަޑައިގަންނަވައިފި

8 ސެޕްޓެމްބަރ 2019

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަން، މި މަހު 9 އިން 13 އަށް ސްވިޓްޒަލަންޑްގެ ޖެނީވާގައި ބޭއްވުމަށް ހަމަޖެހިފައިވާ “ޔޫއެން ޓްރޭޑް ފޯރަމް: އެސްޑީޖީސް އެންޑް ކްލައިމެޓް ޗޭންޖް” ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްް ފުރާ ވަޑައިގަންނަވައިފިއެވެ. ޔޫ.އެން.ސީ.ޓީ.ޑީ ގެ ސެކްރެޓަރީ ޖެނެރަލްގެ ޚާއްސަ ދައުވަތަކަށް، ޑ.ރ ހުސެއިން ރަޝީދު ހަސަން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާީިމް މުޙައްމަދު ސާލިހް ގެ ޚާއްސަ މަންދޫބެއްގެ ގޮތުގައެވެ. މި ބައްދަލުވުމުގައި ޑ.ރ ހުސެން ރަޝީދު ހަސަން ތަޤްރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ. އ ެމަނިކުފާނު ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިއާއި، އިޤްތިސާދާއި އަދި ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާ ނޭދެވޭ އަސަރުތަކާއި ބެހޭގޮތުންނެވެ.

މި ބައްދަލުވުމަކީ އ.ދ ގެ ޖެނެރަލް އެސެމްބްލީ ގެ ހަވާސާގައި މި މަހުގެ 23 ގައި ނިއުޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކްލައިމެޓް ސަމިޓަށް ތައްޔާރުވުމުގެ ގޮތުން، އ.ދ ގެ ކޮންފަރަންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (ޔޫ.އެން.ސީ.ޓީ.ޑީ) ގެ ފަރާތުން އިންތިޒާމުކޮށްގެން، ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭނީ މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލް ކުރުމުގައި، ވިޔަފާރިއާއި އިޤްތިސާދުތަކަށް ކުރަމުންދާ އަދި ކޮށްފާނެ އަސަރުތަކާއި އަދި އެފަދަ ކަންކަން ކުޑަކުރުމަށް ޤައުމުތައް ގުޅިގެން ކުރެވިދާނެ ކަންތައްތަކުގެ މައްޗަށެވެ.