ނޫސްބަޔާން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި ޔުނައިޓެޑް ނޭޝަންސް ޑިޕާޓްމަންޓް އޮފް އިކޮނޮމިކް އެންޑް ސޯޝަލް އެފެއަރސް (UN DESA) ގެ ޑިވިޜަން ފޮރ ޕަބްލިކް އިންސްޓިޓުޝަން އެންޑް ޑިޖިޓަލް ގަވަރންމަންޓް (DPIDG)، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (MMA)، އާއި ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮރ އޭޝިއާ އެންޑް ދަ ޕެސިފިކް (UNESCAP) އިން އިންތިޒާމް ކޮށްގެން “ރެގިއުލޭޓަރީ ސޭންޑްބޮކްސް އޮން ސެންޓްރަލް ބޭންކް ޑިޖިޓަލް ކަރަންސީ” ގެ ނަމުގައި ޤައުމީ ފެންވަރުގެ މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.

11 އޯގަސްޓް 2022

ޑިޖިޓަލް ޓެކްނޯލޮޖީ އަދި އައު އީޖާދުތައް ތައާރަފްކުރަމުންދާއިރު، ޚާއްސަކޮށް މާލީދާއިރާގައި ތައާރަފްވަމުންދާ ޑިޖިޓަލް ފައިސާފަދަ ޓެކްނޯލޮޖީތަކުގެ ފައިދާ ލިބުމުގައި، ގައުމުތަކުގައި މިހާރު ހަދާފައިވާ ޤާނޫނުތަކާއި ޤަވާއިދުތައް ހެދިފައިވާގޮތުން، ގޮންޖެހުންތައް ކުރިމަތިވަމުންދެއެވެ. މި ކަންކަމަށް ފުރުސަތުދިނުމުގެ ގޮތުން، ފާއިތުވެދިޔަ އަހަރުތަކުގައި، ޕޮލިސީ އެކްސްޕެރިމެންޓޭޝަނާއި ރެގިއުލޭޓަރީ ސޭންޑްބޮކްސްތަކުގެ އެހީގައި އެކި ގައުމުތަކުގައި ތަޖުރިބާކުރުމުގެ މަސައްކަތްތައް ކުރަމުންދެއެވެ.  އަދި ސަރުކާރުގެ އިދާރާތަކާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން، ޑިޖިޓަލް ޓެކްނޯލޮޖީއާއި އައު އީޖާދުތައް ބޭނުންކޮށްގެން، މިހާރު އޮތް ޕޮލިސީ ސްޕޭސް އެންޑް ރެގިއުލޭޓަރީ އޮނިގަނޑުތަކުގެ ބޭރުން، ޓެކްނޯލޮޖީ ތަޖުރިބާކުރުމުގައި ރެގިއުލޭޓްކުރެވޭނެ ފަދަ ފަހި ޖާގައެއް އުފެއްދުމަށް ވަރަށް ހަރުދަނާ ގޮތެއްގައި މަސައްކަތް ކުރެވޭނެކަން ވަނީ ބައެއް ގައުމުތަކުން ސާބިތުކޮށްދީފައިވެއެވެ.

“ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް އެކައުންޓް” ޕްރޮޖެކްޓްގެ ދަށުން ބޭއްވޭ މި މަސައްކަތު ބައްދަލުވުމުގެ މަޤްސަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ޤައުމީ ތަރައްޤީ ގެނައުމަށްޓަކައި، “ފްރަންޓިއަރ ޓެކްނޯލޮޖީ” އަދި “ސެންޓްރަލް ބޭންކް ޑިޖިޓަލް ކަރަންސީ” އެއް ތައާރަފްކުރުމަށްޓަކައި މިހާރު ދިވެހިރާއްޖެއަށް ހުރި ޤާނޫނީ ގޮންޖެހުންތަކާއި، އަދި މިފަދަ ޓެކްނޯލޮޖީތައް ތައާރަފްކުރުމުން، ގައުމަށް ހުރި ފުރުސަތުތަކާއި ހިރާސްތައް ދެނެގަތުމަށާއި، އަދި މިހާރުހުރި ގާނޫނީ އަދި ރެގިއުލޭޓަރީ އޮނިގަނޑުތަކުގެ ބޭރުން ވަކި އޮނިގަނޑެއްގައި ޓެކްނޯލޮޖީ ރެގިއުލޭޓްކޮށް ތަޖުރިބާކުރުމަށްޓަކައި ކަމާއި ގުޅުން ހުރި ސަރުކާރުގެ އިދާރާތަކާއި، ޕްރައިވެޓް ސެކްޓަރ ގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ވަރުގަދަކުރުމެވެ.

މި ބައްދަލުވުން ފައްޓަވައި ދިނުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތީރިޓީގެ ގަވަރުނަރު، އަލްފާޟިލް ޢަލީ ހާޝިމް ދެއްކެވި ވާހަކަފުޅުގައި، ޒަމާނީ ޓެކްނޮލޮޖީގެ ކުރިއެރުންތައް މާކެޓަށް އަންނަމުންދާއިރު، މާލީ ދާއިރާގެ އިތުރުން ހުރިހާ ސިނާއަތަކުންވެސް، ބާޒާރުގައި ހުރި ފުރުސަތުތައް ހޯދައި، އެ ފުރުސަތުތަކުގެ ބޭނުން ހިފުމަކީ، ހުރިހާ މުއައްސަސާތަކެއް ގުޅިގެން ކުރަން ޖެހިފައިވާ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި އެމް.އެމް.އޭ އަކީ ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކަށްވެފައި، އަދި މާލީ ބާޒާރުގެ ރެގިއުލޭޓަރުގެ ހައިސިއްޔަތުން މި ޓެކްނޯލޮޖީތަކުން ހާސިލްކުރަންބޭނުންވާ ކަމަކީ، ގައުމުގެ މާލީ ހަމަޖެހުމާއި ޖުމްލަގޮތެއްގައި އިޤްތިޞާދު ކުރިއެރުވުމަށް ޓެކްނޮލޮޖީގެ ތެރެއިން ޒަމާނީ ވިސްނުންތަކެއް ގެންގުޅުންކަން ބަޔާންކުރެއްވިއެވެ. މީގެ އިތުރުން، މާލި އަދި ޕޭމަންޓް ނިޒާމުގެ ތެރޭގައި ހިމެނޭ ޓެކްނޯލޮޖީތަކުގެ ވާހަކަ ދެކެވޭއިރު، ސެންޓްރަލް ބޭންކް ޑިޖިޓަލް ކަރަންސީއަކީ އެމް.އެމް.އޭ ގައިވެސް ފުޅާދާއިރާގައި ބަހުސްކުރެވެމުންދާ ކޮންސެޕްޓެއްކަމާއި، ދުނިޔޭ ގިނަ މަރުކަޒީ ބޭންކްތަކުންވެސް ޝައުގުވެރިކަން ފާޅުކުރާ ޓެކްނޯލޮޖީއެއްކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި، މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، އަލްފާޟިލާ އާމިނަތު ޝައުނާގެ ވާހަކަފުޅުގައި، ދެމެހެއްޓެނިވި ތަރައްޤީގައި ގެނައުމަށްޓަކައި، ފްރޮންޓިއަރ ޓެކްނޮލޮޖީގެ އާ ޖީލުގެ ސިފަތަކާއި އަދި ދައުރު މިއަދު އަޅުގަނޑުމެންނަށް ދޫކޮށްލެވޭކަށް ނެތްކަމަށް ވިދާޅުވިއެވެ. ކާރިސާއަކަށް ފަހު ކާރިސާއެއްގެ ގޮންޖެހުންތައް ގައުމުތަކުގެ ސަރުކާރުތަކަށް  ކުރިމަތިވަމުންދާއިރު، މިފަދަ ޓެކްނޯލޮޖީތައް ދިރާސާކޮށް އޭގެ ބޭނުން އެންމެ ފުރިހަމަގޮތެއްގައި ހިފަންވާނެ ކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ. އަދި މި ފަދަ ޓެކްޏޯލޮޖީތައް ބޭނުންކޮށްގެން އުޖާލާ އިޤްތިސާދެއް ބިނާކުރާއިރު، ޓެކްނޯލޮޖީއަށް ހިއްވަރުދޭ، ބޭނުންކުރާފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންވާ ސިޔާސަތުތަކާއި، ގާނޫނީ އަދި ރެގިއުލޭޓްކުރުމަށް ހުރި ހިރާސްތަކާއި ގޮންޖެހުންތައް ދެނެގަނެ ފިޔަވަޅު އެޅުމުގެ މުހިންމުކަމާއި މީ ފަދަ ޓެކްނޯލޮޖީ ތައާރަފްކުރާއިރު، ހަމަހަމަ ކަމާއެކު ފުރުސަތު ދިނުމާއި، ޑިޖިޓަލް ޑިވައިޑް ނުވަތަ ޓެކްނޯލޮޖީ ލިބުމުގައި ސަރަހައްދީގޮތުން ހުރި ފަރަގު ވީހާވެސް ކުޑަކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖޭގައި “ފިންޓެކް” ކުރިއެރުވުމަށް މަގުފަހިކުރުމަށް، ޑިޖިޓަލް ފައިސާއެއް ބޭނުންކުރަން ފެށުމަށްޓަކައި ބޭނުންވާ ބިންގާ އެޅުމަށް، ކަމާއި ގުޅުންހުރި މުވައްސަސާތަކުގެ ޤާބިލްކަން، މި ޕްރޮޖެކްޓްގެ ތެރެއިން އިތުރުކުރުމެވެ.

“ފްރޮންޓިއަރ ޓެކްނޯލޮޖީ” އަކީ އާޓިފިޝަލް އިންޓެލިޖެންސް، އިންޓަރނެޓް އޮފް ތިންގްސް، އޮގްމެންޓެޑް/ވަރޗުއަލް ރިއަލިޓީ، ރޮބޮޓިކްސް، އޮޓޮނޮމަސް ވެހިކަލްސް، ސްޕޭސް، ޑިޖިޓަލް ފައިސާ އަދި ޖެނޯމިކްސް ފަދަ ޓެކްނޯލޮޖިކަލް ޤާބިލުކަމާއި އެޑޮޕްޝަންގެ ބައުންޑަރީތަކަށް ބާރުއަޅާ އިންޑަސްޓްރީތައް ސިފަކުރުމަށް ބޭނުންކުރާ އިބާރާތެކެވެ. މިފަދަ ޓެކްނޮލޮޖީގެ ސަބަބުން އިޤްތިސާދީ ސިނާއަތްތަކާއި، މުވާސަލާތީ ގުޅުންތައް އަލުން ބައްޓަންވެ، މޫސުމަށް އަންނަ ބަދަލުތައް ފަދަ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަވަސް ހައްލެއް ލިބިގެންދާނެއެވެ.

މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ހޮޓެލް ޖެންގައި ބާއްވާ 2 ދުވަހުގެ ބައްދަލުވުމިގައި، ސަރުކާރުގެ ކަމާއި ގުޅޭ އިދާރާތަކުން 25 މުވައްޒަފުން ބައިވެރިވެ ވަޑައިގަންނަވައެވެ. މިގޮތުން، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ހިމެނެއެވެ. އަދި ހަމައާއިއެކު، އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ހިންގާ ޑިޖިޓަލް ސިސްޓަމްތަކުގެ ޚިދުމަތްދޭ ދިވެހި ވިޔަފާރިތަކުން ބައިވެރިން ހިމެނެއެވެ.