ޚަބަރު

އައްޑޫ އަދި ފުވައްމުލައް ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައަޅައިފި

28 އޮކްޓޯބަރ 2020

އައްޑޫ އަދި ފުވައްމުލަކަކީ ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި މިއަދު ކަނޑައަޅައިފިއެވެ. އައްޑޫ އަދި ފުވައްމުލަކަށް މި ލަގަބު ލިބުނީ މިއަދު މިކަމަށްޓަކައި ޔުނެސްކޯ މޭން އެންޑް ދަ ބަޔޮސްފިއަރ ރިޒާވް އިންޓަނޭޝަނަލް ކޯޑިނޭޝަން ކައުންސިލް އިން ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި މިނިސްޓްރީގެ އިސްވެރިންނާއި އައްޑޫ އަދި ފުވައްމުލައް ސިޓީ ކައުންސިލާއި ބައެއް އާއްމު ރައްޔިތުންވެސް ވަނީ ބައިވެރިވެފައެވެ.

ބަޔޮސްފިއަރ ރިޒާވްގެ ލަގަބަކީ ދެމެހެއްޓެނިވި ތަރައްގީއާއި މީހުންނާއި ގުޅިގެން ގުދުރަތީ މާހައުލު ރައްކާތެރިކުރުމުގެ ފުރުސަތު އޮންނަ ތަންތަނަށް ޔުނެސްކޯ އިން ދެމުން އަންނަ ލަގަބެކެވެ. އެގޮތުން ބަޔޮސްފިއަރ ރިޒާވްގެ ލަގަބު ދެވެނީ އެތަނެއްގެ ދެމެހެއްޓެނިވި ތަރައްޤީއާއި، އާދަކާދައާއި ސަގާފީ އަދި ދިރިއުޅުމަށް ކުރާ މަސައްކަތާއި ފަރާއި، ފަޅުގެ ދިރުންތަކާއި ސައިންސާއި، ތައުލީމާއި ފަންނީ ހުނަރުތަކަށްވެސް ބެލުމަށްފަހުގައެވެ. ރާއްޖޭގައި މީގެ ކުރިން މި ލަގަބު ލިބިފައި އޮންނަނީ ހަމައެކަނީ ބ. އަތޮޅަށެވެ. އައްޑޫ އަދި ފުވައްމުލަކަށް މި ލަގަބު ލިބުމާއި ގުޅިގެން މިހާރު ދިވެހިރާއްޖޭގައި ޖުމްލަ 3 އަތޮޅަކަށް މިވަނީ ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައެޅިފައެވެ.

އައްޑޫ އަދި ފުވައްމުލަކު ސިޓީ ބަޔޮސްފިއަރ ރިޒާވް އަކަށް ހެދުމަށް މިދެސިޓީގެ ރައްޔިތުންގެ މެދުގައި ސިޓީ ކައުންސިލް މެދުވެރިކޮށް ވަނީ ސާރވޭއެއް ކުރިއަށްގެންގޮސްފައެވެ. މި ސާރވޭގެ ނަތީޖާ ދައްކާގޮތުން  ސާރވޭ ކުރެވުނު މީހުންގެ ތެރެއިން 90 އިންސައްތައަށްވުރެ ގިނަ މީހުން މިދެއަތޮޅު ބަޔޮސްފިއަރ ރިޒާވް އަކަށް ހަދަން ބޭނުންވިއެވެ.

އައްޑުއަތޮޅާއި ފުވައްމުލައް ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައެޅުމަށް ޔުނެސްކޯއަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމަވައިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާމެދު މަޝްވަރާކުރެއްވުމަށް ފަހުގައެވެ. އެހެންކަމުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކޮށް، އެންޑޯސްމަންޓް ހޯދައި ހަދަންޖެހޭ ހުރިހާ ސާވޭތަކެއް ހަދާ ކެބިނެޓްގެ ލަފާ ހޯދައި ޕްރޮޕޯސަލް ތައްޔާރުކޮށް ޔުނެސްކޯ އަށް ހުށައެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ގައެވެ.

ތޫނޑު (ތުނޑި) – ފުވައްމުލައް

ބަޔޮސްފިއަރ ރިޒާވްގެ ލަގަބު ދެނީ އެ ސަރަހައްދެއްގައި ދިރިއުޅޭ މީހުންނަށް އެ ސަރަހައްދެއްގެ ގުދުރަތީ ސިފަތަށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ކުރެވޭނެ ކަންތައްތަކާއި އެ މާހައުލަކުން އެ ތަނެއްގައި ދިރިއުޅޭ މީހުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިދާ ލިބޭނެ ގޮތްތަކަށްވެސް ބެލުމަށްފަހުގައެވެ. އެގޮތުން މިހާރު ދުނިޔޭގައި ޖުމްލަ 120 ގައުމެއްގައި މި ލަގަބު ލިބިފައިވާ 669 ސަރަހައްދެއް ހިމެނެއެވެ.

އައްޑޫ އަދި ފުވައްމުލަކަށް މި ލަގަބު ދެވުނު މައިގަނޑު ސަބަބަކީ އެ ދެ އަތޮޅުގައިވެސް ގުދުރަތީ ގޮތުން ހިތްގައިމު މާހައުލުތަކެއް ހުރެ ތަރައްގީއަށްޓަކައި ގިނަ ކަންތައްތަކެއް ރޭވިގެން ކުރިއަށްދާއިރު މި ދެ އަތޮޅުގެ ގުދުރަތީ ރީތި މާހައުލުތައް ހިމާޔަތްކުރެވިގެން ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތް ދެތަނަށް ހެދުމަށާއި ދެމެހެއްޓެނިވި ގޮތުގައި ދިރޭތަކެތީގެ ބޭނުން ހިފުމުގައްޔާއި ދެމެހެއްޓެނިވި ތަރައްޤީ ގެނައުމުގައި ޔުނެސްކޯގެ ބަޔޮސްފިޔަރ ރިޒާވް ކޮންސެޕްޓް އަކީ ތިމާވެށީގެ، އިޖްތިމާއީ އަދި އިޤްތިޞާދީ ގިނަ ފައިދާތަކެއް އެކުލެވިގެންވާ ކޮންސެޕްޓް އަކަށް ހެދުމެވެ.

އައްޑޫ އަދި ފުވައްމުލައް ބަޔޮސްފިއަރ ރިޒަރވްއަކަށް ވުމުން ދެމެހެއްޓެނިވި ތަރައްގީ އަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރެވި އެތަނެއްގެ އާދަކާދަތަކާއި ސަގާފަތާއި ދިރިއުޅުމަށް ކުރާ މަސައްކަތްތައް ކުރިއެރުވުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެއެވެ. އަދި ތައުލީމާއި ހޭލުންތެރިކަން އިތުރުކުރުމުގެ ފުރުސަތުތަކާއި އެ ސަރަހައްދެއްގައި ދިރިއުޅޭ މީހުންގެ ފަންނީ ހުނަރު ކުރިއެރުވުމުގެ އިތުރުން އިޤްތިސާދީ ގިނަ ފައިދާތައް ލިބިގެންދާނެއެވެ.  އަދި މި ސަރަހައްދުތަކަށް ގައުމީ އަދި ބައިނަލްއަގުވާމީ ފަރާތްތަކުން ހިލޭ އެހީ ލިބުމުގެ ފުރުސަތުވެސް ތަނަވެސްވެގެންދާނެއެވެ. ބަޔޮސްފިއަރ ރިޒަރވްގެ ލަގަބު ލިބިފައިވާ ސަރަހައްދުތަކަކީ މުޅި ދުނިޔެއިންވެސް ބަލައިގަންނަ އަދި ފަތުރުވެރިންވެސް އެތަންތަނަށް ޒިޔާރަތްކުރަން ބޭނުންވާ ތަންތަނެވެ. އެގޮތުން އިޤްތިސާދީ ގޮތުން ބަލާކަމަށްވާނަމަ އެ ތަނަކުން ތައްޔާރުކޮށް ފަތުރުވެރިންނަށް ވިއްކާ އެކިއެކި އަމިއްލަ އުފެއްދުންތަކުގައިވެސް ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވްގެ ނަން ހިމަނައިގެން އިތުރު އަގަކާއިއެކު ވިއްކުމުގެ ފުރުސަތުވެސް އޮންނާނެއެވެ.

ދަނޑިމަގު ކިޅި – ފުވައްމުލައް

ބަޔޮސްފިއަރ ރިޒަރވްގެ މައިގަނޑު ރޯލަކީ އެ ސަރަޙައްދެއް ނުވަތަ އަތޮޅެއްގައިވާ މާހައުލުތަކާއި، އިކޯސިސްޓަމް، އަދި ދިރޭތަކެތީގެ ނަސްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް މަގުފަހިކޮށްދިނުމާއި ސަގާފަތާއި، އާދަކާދައާއި، މުހިއްމު މާހައުލުތަކާއި ދިރުންތައް ދެމެހެއްޓޭނެފަދަ އިގްތިސާދީ ތަރައްގީއަށް މަގުފަހިކޮށްދިނުމުގެ އިތުރުން ކޮންޒަރވޭޝަން އަދި ދެމެހެއްޓެނިވި ތަރައްޤީއާއި ގުޅޭ ތައުލީމާއި ތަމްރީން ހިންގައި ދިރާސާއަށް މަގުފަހިކޮށް ޕަބްލިކް، ޕްރައިވެޓް އަދި ހާއްސަކޮށް މުޖުތަމައުގެ އެކި ސެކްޓަރތައް ކުރިއެރުވުމެވެ.

މި ލަގަބަކީ 10 އަހަރަށް ލިބޭ ބައިނަލްއަޤްވާމީ ލަގަބެއްކަމުނެ މި ލަގަބު ދެމެހެއްޓުމަށް ސަރުކާރާއި ރައްޔިތުންނާއި ގުޅިގެން މަސައްކަތް ކުރަންޖެހޭނެއެވެ. ބަޔޮފިއަރގެ ލަގަބު މި ދެއަތޮޅަށް ލިބުނު ކަމުގައިވިޔަސް ގުދުރަތީ ރީތި މާހައުލުތަކަށް ގެއްލުން ނުވާނެ ގޮތަށް އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ހިންގޭނެއެވެ. އަދި މިއީ ވިޔަފާރިތައް ކުރިއެރުވުމަށް ލިބޭ ފުރުސަތަކަށްވެސް ވެގެންދާނެއެވެ.

މިކަމުގައި އައްޑޫ ސިޓީ ކައުންސިލާއި، ފުވައްމުލައް ސިޓީ ކައުންސިލާއި އެދެސިޓީގެ ރައްޔިތުންނާއި، މިނިސްޓްރއާއި އީޕީއޭގެ ސްޓާފުން ކުރި މަސައްކަތް ފާހަގަކުރަމެވެ. އަދި ޔޫއެސްއެއިޑްގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ރީގެނެރޭޓް ޕްރޮޖެކްޓުގެ ތެރެއިން އައިޔޫސީއެން އިން ވެދިން އެހީތެރިކަން ފާހަގަކުރަމެވެ.