ޚަބަރު

ސިންގަލްޔޫސް ޕްލާސްޓިކުގެ ބާވަތްތައް ދިވެހިރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ކުރުމަށް ސުންގަނޑި ކަނޑައެޅުން

25 ނޮވެމްބަރ 2021

ސިންގަލްޔޫސް ޕްލާސްޓިކުގެ ބާވަތްތައް ދިވެހިރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ކުރުމަށް ހުށަހަޅާ ލިސްޓުގެ ޓައިމްލައިނަށް ދިވެހިރާއްޖެއަށް މުދާ އެތެރެކުރާ އަދި އުފައްދާ ފަރާތްތަކުގެ ޚިޔާލު ހޯދުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން 21  ނޮވެމްބަރ 2021 ވީ އާދީއްތަ ދުވަހު ވަނީ ހުޅުވާލާފައެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކަށް ބަރޯސާވާ މިންވަރު މަދުކޮށް، ބޭނުން ކުރުން ހުއްޓާލުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން އެކުލަވާލާފައިވާ ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން ގައި އެކުލަވާލާފައިވާ މަސައްކަތްތަކަކީ 2023 ގެ ނިޔަލަށް ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކެވެ. އެގޮތުން، މި ޕްލޭންގެ ފުރަތަމަ ސިޔާސަތުގެ ދަށުން ކަނޑައަޅާފައިވާ އެއްފަހަރު ބޭނުންކޮށްފައ އުކާލާ ޕްލާސްޓިކުގެ ބާވަތްތައް އުފެއްދުމާއި އިމްޕޯޓުކުރުމާއި ބާޒާރަށް ނެރުން މަނާކުރުމަށް ވާނީ ހިމަނާފައެވެ.

ސިންގަލްޔޫސްޕްލާސްޓިކުގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމާއި ގަނެވިއްކުން މަނާކުރުމަށް ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނު) އަށް އިސްލާޙު ގެނެވި، މި އިސްލާޙް މިހާރުވަނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވާ ގެޒެޓް ކުރައްވާފައެވެ. އެގޮތުން، މި ޤާނޫނުގެ  08 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލްޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު 01 ޖަނަވަރީ 2022 ގެ ކުރިން ކަނޑައަޅައި، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާޢިއު ކުރަން ޖެހެއެވެ.

ސިންގަލްޔޫސްޕްލާސްޓިކުގެ ބާވަތްތައް އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ކުރުމަށް ހުށަހަޅާފައިވާ ލިސްޓުގެ ޓައިމްލައިން އަށް ކޮމެންޓް ހުށަހެޅުމާއި ބެހޭ އިތުރު މަޢުލޫމާތު މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ  ވެބްސައިޓް www.environment.gov.mv  އިން ލިބެން ހުންނާނެއެވެ. މި ލިސްޓުގެ ޓައިމްލައިނަށް ކޮމެންޓް ހުށަހެޅުމުގެ ސުންގަނޑި އަކީ 28 ނޮވެމްބަރު 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

އެއްފަހަރު ބޭނުންކޮށްފާ އުކާލާ ޕްލާސްޓިކް ރާއްޖޭގައި އުފެއްދުމާއި، އެތެރެކުރުމާއި އަދި ބޭނުންކުރުން މަނާކުރުމަށް 05 ނޮވެމްބަރު 2020 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއިއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ” ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން” ފާސްކުރައްވާފައެވެ. އަދި، މި މަސައްކަތާ ގުޅިގެން ރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓު ޤާނޫނުގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ކުރާ ސިންގަލްޔޫސް ޕްލާސްޓިކްގެ ވަކި ބާވަތްތަކެއް މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ 30 ޑިސެމްބަރު 2020 ގައި ޤަރާރެއް ފާސްކޮށްދެއްވާފައެވެ. މިޤަރާރުގެ ދަށުން 13 ބާވަތެއްގެ ޕްލާސްޓިކް 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ވަނީ މަނާ ކޮށްފައެވެ. އެގޮތުން، 08 ބާވަތެއްގެ ސިންގަލްޔޫސް ޕްލާސްޓިކުގެ ބާވަތް 01 ޖޫން 2021 ގައި ވަނީ ދިވެހިރާއްޖެއަށް އެތެރެކުރުން މަނާކޮށްފައެވެ.

އެއްފަހަރު ބޭނުންކޮށްފާ އުކާލާ ޕްލާސްޓިކް މަދުކުރުމާ ގުޅޭ މަސައްކަތަކީ ސަރުކާރުން ކުނީގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލީހު ޙާއްސަ އިސްކަމެއް ދެއްވައިގެން ކުރަމުންގެންދާ މަސައްކަތެކެވެ.