ޚަބަރު

ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ދިވެހިރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުމާގެޅޭ

29 ޑިސެމްބަރ 2021

ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ދިވެހިރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުމާގެޅޭ

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކު ބާވަތްތަކުގެ ތެރެއިން ޤާނޫނު ނަންބަރު: 4/93 (ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނުނު) ގެ 8 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ބާވަތްތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ގަރާރު (ނަންބަރު 9/2021) ސަރުކާރުގެ ގެޒެޓްގައި މިއަދުވަނީ ޝާއިޢުކުރައްވާފައެވެ.

މި ގަރާރުގައި ހިމެނޭ ބާވަތްތައް ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރެވިގެންދާނީ އެކި މަރުހަލާ ތަކައް ބަހާލައިގެންނެވެ. އެގޮތުން، މި ގަރާރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ފުރަތަމަ މަރުހަލާގައި ބާޒާރަށް ނެރުމާއި އުފެއްދުން މަނާކުރެވިގެންދާނެ ބާވަތްތައް މަނާވެގެންދާނީ 01 ޖޫން 2022 ގައެވެ. މީގެ ތެރޭގައި ހިމެނެނީ:

  • ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދައިފައި ހުންނަ ޕްލާސްޓިކް ހޮޅި
  • ޕްލާސްޓިކުން ހަދައިފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ، އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
  • ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކު ކޮތަޅު (އޮކްސޯޑިގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމަރއިން އުފައްދާފައިވާ، އަމިއްލަ ޒާތުގައި ނެތިފަނާވާ (ޑިގްރޭޑަބަލް) ޕްލާސްޓިކް ވެސް ހިމެނޭގޮތަށް)
  • ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ، އިމްޕޯޓުކުރާ ސުޕާރީ
  • 250 މިލިލީޓަރަށްވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތަށި
  • ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރު
  • 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނަރ އަދި ލޯޝަން
  • ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި

މީގެ އިތުރުން، ދިވެހިރާއްޖޭގައި ބޯފެން ބަންދުކުރުމަށް އުފައްދާ ޕްލާސްޓިކު ފުޅި އަދި ތައްޔާރީ ބުއިންތައް ބަންދުކުރުމަށް އުފައްދާ ޕްލާސްޓިކް ފުޅީގެ ބާވަތްތައް 01 ޖޫން 2022، އިން ފެށިގެން ރާއްޖޭގައި އުފެއްދުމާއި ވިއްކަން ބާޒާރަށް ނެރުން މަނާ ކުރެވިގެންދާނެއެވެ. މީގެ ތެރޭގައި ހިމެނެނީ؛

  • ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން
  • ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ، ތައްޔާރީ ބުއިންތައް (ފެން ފިޔަވައި)

އަދި މީގެ އިތުރަށް 2023 ވަނަ އަހަރުން ފެށިގެން 1 ލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކް ފުޅި ރާއްޖޭގައި އުފެއްދުން މަނާވެގެންދާނެއެވެ. ނަމަވެސް 2024 ވަނައަހަރުން ފެށިގެން ރާއްޖޭގައި މިހާރުވެސް އުފައްދަމުންދާ 1.5 ލީޓަރ ފުޅިއާއި އެއަށްވުރެ ބޮޑު ސައިޒްގެ ފުޅި އުފައްދާ ރާއްޖޭގެ ބާޒާރުގައި ލިބެން ހުންނާނެއެވެ.

ސިންގަލް ޔޫސް ޕްލާސްޓިކަށް ބަރޯސާވާ މިންވަރު މަދުކޮށް، ބޭނުން ކުރުން ހުއްޓާލުމަށްޓަކައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީންން އެކުލަވާލާ ޢާއްމުކޮށްފައިވާ ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭންގައި ވަކި ބާވަތްތަކެއް މަނާކުރެވިގެންދާއިރު ޕްލާސްޓިކް މަދުކުރުމަށް އެހެން ސިޔާސަތުތައްވެސް މިޕްލޭންގައި ކަނޑައަޅާފައިވެއެވެ. އެގޮތުން، މި ޕްލޭންގައި ސިންގަލްޔޫސް ޕްލާސްޓިކް މަދުކުރުމަށް މައިގަނޑު 06 ސިޔާސަތެއް ކަނޑައަޅާފައިވެއެވެ. ސިންގަލްޔޫސް ޕްލާސްޓިކްގެ ވަކި ބާވަތްތަކުން އިމްޕޯޓު ޑިއުޓީ ބޮޑުވެގެންދާއިރު ކުދިވިޔަފާރިތަކުގައި އުފައްދާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޕްލާސްޓިކްގެ ބާވަތްތައް މި ސިޔާސަތުތަކުގެ ދަށުން އިސްތިސްނާވެގެންދާނެއެވެ. މީގެ އިތުރުން ތިމާވެއްޓާ ރައްޓެހިތަކެތިން އިމްޕޯޓް ޑިއުޓީ މާފުކުރުމަށް ވެސް މި ޕްލޭންގެ ދަށުން ހުށަހަޅާފައިވެއެވެ. މީގެ އިތުރުން، ސިންގަލް ޔޫސް ޕްލާސްޓިކުގެ ވަކިބާވަތްތަކެއް މަނާކޮށް، މިތަކެތީގެ ބަދަލުގައި ބޭނުން ކުރެވޭ ތިމާވެއްޓާއި ރައްޓެހި ބާވަތްތައް ގެންނަ ފަރާތްތައް ދެނެގަނެ އިންސެންޓިވައިޒޭޝަން ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތް ކަމާއި ގުޅުންހުރި ފަރާތްތަކާއެކު ކުރިއަށްގެންދިއުމަށްވެސް މި ޕްލޭންގައި ހިމަނާފައި ވެއެވެ.

މީގެ އިތުރުން، ޤާނޫނު ނަންބަރު: 31/79  ( ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނު) ގެ 07 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެއަށް އިމްޕޯޓުކުރުން މަނާތަކެތީގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވާ ސިންގަލްޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ 08 ބާވަތެއް 01 ޖޫން 2021 އިން ފެށިގެން ދިވެހިރާއްޖެއަށް އެތެރެކުރުން މިހާރުވެސް ވަނީ މަނާކުރެވިފައެވެ.

ސިންގަލް ޔޫސް ޕްލާސްޓިކުން ކުރާ ނޭދެވޭ އަސަރުން ދިވެހިރާއްޖޭގެ ވެއްޓާއި އިޤްތިސާދު ހިމާޔަތް ކުރުމުގެ ގޮތުން، ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، ސިންގަލް ޔޫސް ޕްލާސްޓިކްގެ ވަކި ބާވަތްތަކެއް 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއިން ފޭސްއައުޓް ކުރައްވާނެކަމުގައި 23 ސެޕްޓެމްބަރ 2019 ގައި އ.ދ. ގެ 74 ވަނަ ޢާއްމު ބައްދަލުވުމުގެ ހަވާސާގެތެރެއިން ބޭއްވި ކްލައިމެޓް ސަމިޓުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ތަގުރީރެއްގައި ވަނީ ވިދާޅުވެފައެވެ.