ޚަބަރު

“ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް” ގެ ދަށުން ގައިމްކޮށްފައިވާ ވޭސްޓް އެކްސެޕްޓަންސް އެންޑް ޕްރީ ޓްރީޓްމަންޓް އޭރިއާ ހަވާލުކުރުން އަދި “ލެގަސީ ވޭސްޓް ޕްރޮޖެކްޓް” ސޮއިކުރުން

30 އޯގަސްޓް 2022

ދިވެހި ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދުމަށް މި މިނިސްޓްރީއިންދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، މި މިނިސްޓްރީއިން އޭ.ޑީ.ބީ ގެ ހިލޭ އެހީ އާއި އެކު ކުރިއަށްގެންދާ “ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް”ގެ ދަށުން ތިލަފުށީގައި ޒަމާނީފެންވަރުގެ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރ އެއް ތަރައްޤީކޮށް “ވޭސްޓް އެކްސެޕްޓަންސް އެންޓް ޕްރީ ޓްރީޓްމަންޓް އޭރިއާ”ގެ މަސައްކަތް ނިމި، މި ފެސިލިޓީ ހަވާލުކުރުމުގެ ގޮތުން ވެމްކޯއާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި ދެމެދު ރަސްމީ އެއްބަސްވުމުގައި 28 އޮގަސްޓް 2022ގައި ސޮއިކޮށްފިއެވެ. މި ފެސިލިޓީގެ މަސައްކަތަށް ބޭނުންވާ  ވެހިކަލް އާއި  މެޝިނަރީ ވެސް ވަނީ މި މަޝްރޫއުގެދަށުން ގެނެސް އިންސްޓޯލްކޮށްފާކަންވެސް ފާހަގަ ކުރަމެވެ.

މީގެ އިތުރުން މިދިޔަ އަހަރު އިފްތިތާހުކުރައްވައިފައިވާ “ލެގަސީ ވޭސްޓް ޕްރޮޖެކްޓް” ގެ ދަށުން މާލެ އަތޮޅު (ކ) ދެކުނުބުރީގައި ހިމެނޭ ގުރައިދޫ، މާފުށި އަދި ގުޅި މި ތިން ރަށާއި، ފެލިދެ އަތޮޅު (ވ) ގައި ހިމެނޭ ރަކީދޫ، ކެޔޮދޫ، ފެލިދޭ، ތިނަދޫ އަދި ފުލިދޫ، މި ފަސް ރަށާއިއެކު ޖުމްލަ 8  ރަށަކުން ލެގަސީ ވޭސްޓް ކަލެކްޝަން އަށް ވެމްކޯއާއެކު މިނިސްޓްރީއިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އިނީޝިއޭޓިވް ގެ ޒަރިއްޔާއިން ވެމްކޯއިން މި މުޖުތަމައުތަކުގައި ދިގު މުއްދަތަކަށް ކުނި މެނޭޖްކުރުމުގެ ބިންގާ އެޅިގެންދާނެއެވެ. 

 މިކަމަށްޓަކައި ބޭއްވުނު ރަސްމިޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވައިފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޯޖީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދް އަންސަރއެވެ. އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓަޑްގެ ފަރާތުން ސޮއިކުރައްވައިފައިވަނީ ޑެޕިއުޓީ މަނޭޖިންގް ޑިރެކްޓަރ ޔޫސުފް ސިރާޖްއެވެ.