ޚަބަރު

ސީ-ބިޓް މޯލްޑިވްސް ޕްރޮޖެކްޓު ފެށުމުގެ ގޮތުން އިންސެޕްޝަން މަސައްކަތުބައްދަލުވުން ބާއްވައިފި

6 މާޗް 2023

“ކެޕޭސިޓީ ސްރެންތަނިންގ ފޯ އިމްޕްރޫވްޑް ޓްރާންޕެރަންސީ އޮފް ކްލައިމެޓް ޗޭންޖް މިޓިގޭޝަން އެންޑް އެޑަޕްޓޭޝަން އެކްޝަންސް އިން ދަ މޯލްޑިވެސް” (ސީ-ބިޓް މޯލްޑިވްސް) ޕްރޮޖެކްޓު ފެށުމުގެ ގޮތުން އިންސެޕްޝަން މަސައްކަތުބައްދަލުވުން ބާއްވައިފިއެވެ. މިބައްދަލުވުމުގައި ޕްރޮޖެކްޓާ ގުޅޭ އެކި ސްޓޭކްހޯލްޑަރުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ސަރުކާރުގެ މިނިސްޓްރީތަކާއި، ކުންފުނިތަކާއި، އެހެނިހެން އިދާރާގެ އިތުރުން މިދާއިރާގައި މަސައްކަތްކުރައްވާ އަމިއްލަ ޖަމިއްޔާ ތަކާއި ދާއިރާގެ އެކްސްޕާޓުން ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުމުގެ ބައިވެރިންނާއި މުޙާތަބު ކުރައްވާ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަލްފާޟިލާ އާމިނަތު ޝައުނާ ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި ސީ-ބިޓް މޯލްޑިވްސް ޕްރޮޖެކްޓަކީ މޫސުމާ ބެހޭ މަސައްކަތްތައް ރިޕޯޓުކުރުމާއި، މަޢުލޫމާތު އެއްކުރުން ހަރުދަނާ ކުރުމާއި، މިކަމާ ގުޅޭ މުއައްސަސާތަކާއި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް މަގުފަހިކުރުމަށް ކުރެވޭ މަސައްކަތެކެވެ.  އަދި މިޕްރޮޖެކްޓުގެ ތެރެއިން ޕެރިސް އެގްރީމެންޓްގެ އެންހޭންސްޑް ޓްރާންސްޕޭރަންސީ ފްރޭމްވޯކްގެ ދަށުން ދިވެހި ރާއްޖެއިން ކުރަންޖެހޭ ރިޕޯޓިންގގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް އެހީތެރިވެދޭނެކަމަށް ފާހަގަކުރެއްވިއެވެ.

މި ޕްރޮޖެކްޓަކީ މިމިނިސްޓްރީއާއި، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓަލް ޕްރޮގްރާމް (ޔޫ.އެން. އެންވަޔަރަންމަންޓް) އާއި ގުޅިގެން ގްލޯބަލް އެންވަޔަރަންމަން ފެސިލިޓީ (ޖެފް)ގެ އެހީގައި ހިންގާ ޕްރޮޖެކްޓެކެވެ.

މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލު ހޯދުމަށާއި ޖައްވު ހޫނު ކުރާ ގޭސް ބޭރުކުރެވޭ މިންވަރު މަދުކޮށް ދުނިޔޭގެ ފިނިހޫނު މިން 1.5 ޑިގްރީ އަދި ގިނަވެގެން 2 ޑިގްރީގައި ހިފެހެއްޓުމަށް މަސައްކަތްކުރުމަށް 2015 ގައި ވަނީ  ޕެރިސް ކުލައިމެޓު އެގްރީމެންޓް އެކުލަވާލަފައެވެ. މިއީ ރާއްޖެވެސް ބައިވެރިވެފައިވާ މުހިންމު އެއްބަސްވުމެކެވެ.

ޕެރިސް އެގްރީމެންޓްގައި ކޮންމެ ޤައުމަކުންވެސް ޖައްވަށް ދޫކުރާވިހަގޭހުގެ މަޢުލޫމާތާއި، ވިހަގޭސް ޖައްވަށްދޫކުރާވަރު މަދުކުރުމަށް ހިންގާ ތަފާތު މަޝްރޫއުތަކާއި ބެހޭ މަޢުލޫމާތާއި، އެޑެޕްޓޭޝަންގެ ދާއިރާތަކުން ހިންގާ މަޝްރޫއު ތަކުގެ މަޢުލޫމާތާއި، މިފަދަ މަޝްރޫއުތަކަށް ހޭދަކުރާ އަދި އިންވެސްޓު ކުރާވަރާވަރާބެހޭ މަޢުލޫމާތު އެއްކޮށް، ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްއަށް ރިޕޯޓުކުރުމަށް ކަނޑައަޅާފައިވެއެވެ.