ޚަބަރު

ޒިންމާދާރު ގޮތެއްގައި އުފެއްދުމާއި ބޭނުންކުރުމާ ގުޅޭގޮތުން ސަރަހައްދީ ފެންވަރުގެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

22 ނޮވެމްބަރ 2016

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސަކެޕް) އާއި ގުޅިގެން ޒިންމާދާރު ގޮތެއްގައި އުފައްދައި ބޭނުންކުރުމާއި ގުޅޭގޮތުން މަސައްކަތު ބައްދަލުވުމެއް ބާއްވާފިއެވެ. މިމަސައްކަތު ބައްދަލުވުން ހާއްސަކުރެވިފައިވަނީ ދެމެއްޓެނެވި ފަތުރުވެރިކަމާއި މިދާއިރާއިންމި ޒިންމާދާރު ގޮތެއްގައި އުފައްދައި ބޭނުންކުރުން ކުރި އެރުވުމުގެ މައުޟޫއާއި ގުޅޭ ގޮތުންނެވެ.
މިއަދު ހެނދުނު ކަސްޓަމްސް ބިލްޑިންގ ގައި “ޕޮލިސީ ޑަޔަލޮގް އޮން ސަސްޓެއިނަބަލް ޓޫރިޒަމް އޮން މެއިންސްޓްރީމިންގް އެސް.ސީ.ޕީ އިން ޓޫރިޒަމް ޕޮލިސީސް އިން ސައުތު އޭޝިއާ” ގެ ނަމުގައި ފެށުނު މި ވޯކްޝޮޕް ކުރިޔަށްދާނީ 22-23 ނޮވެމްބަރ އަށެވެ.

މިބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅޭ ސިޔާސަތުތަކާއި އަމަލުކުރަމުންދާ ގޮތްތަކާއި ގުޅޭގޮތުން، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން އެއް ލަނޑުދަނޑި ކަމަށްވާ ޒިންމާދާރު ގޮތެއްގައި އުފެއްދުމާއި ބޭނުންކުރުމުގެ ދަށުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމެވެ.

މިމަސައްކަތު ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޒިންމާދާރު ގޮތެއްގައި އުފައްދައި ބޭނުންކުރުމުގެ މުހިއްމުކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމް އަލިއަޅުވާލެއްވިއެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ޒިންމާދާރު ގޮތެއްގައި އުފެއްދުމާއި ބޭނުންކުރުން މިލަނޑުދަނޑި ހާސިލުކުރުމަށް މިކަމާ ގުޅުންހުރި ހުރިހާ ދާއިރާތަކެއްގެ ބޭފުޅުންގެ އެއްބާރުލުން ބޭނުންވާނެކަން ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އިތުރުން، މިމަސައްކަތު ބައްދަލުވުމުގައި އަފްގާނިސްތާން، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، ޕާކިސްތާން އަދި ޝްރީލަންކާއިން ބައިވެރިވެއެވެ.