ޚަބަރު

ޒިންމާދާރު ގޮތެއްގައި އުފެއްދުމާއި ބޭނުންކުރުމާ ގުޅޭގޮތުން ގައުމީ ފެންވަރުގެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

23 ނޮވެމްބަރ 2016

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން އިންތިޒާމްކޮށްގެން ޒިންމާދާރު ގޮތެއްގައި އުފައްދައި ބޭނުންކުރުން ކުރިއެރުވުމާއި ބެހޭގޮތުން މަޝްވަރާކުރުމަށް ޕޮލިސީ ޑައިލޮގްއެއް 24 ނޮވެމްބަރ 2016 ވަނަ ދުވަހު ކަސްޓަމްސް ބިލްޑިންގ ގައި ބާއްވާފިއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ އެއް ލަނޑުދަނޑި ކަމަށްވާ ޒިންމާދާރު ގޮތެއްގައި އުފެއްދުމާއި ބޭނުންކުރުން، މި ލަނޑުދަނޑިއާއި ގުޅޭގޮތުން ހިޔާލު ބަދަލުކޮށް މިލަނޑުދަނޑި ގައުމީ ފެންވަރުގައި ތަންފީޒުކުރުމާއި ގުޅޭ ގޮތުން ޤައުމީ ފެންވަރުގެ އެކްޝަން ޕްލޭންއެއް އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާކުރުމެވެ.

ޖަލްސާ ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން، ކޮންމެ ގައުމެއްގައިވެސް ޒިންމާދާރު ގޮތެއްގައި އުފެއްދުމާއި ބޭނުންކުރުންފަދަ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ދަތިތަކެއް ހުރި ކަމާއި، މިލަނޑުދަނޑިތައް ހާސިލްކުރުމުގައި ހުރިހާ ފަރާތްތަކުގެ އެއްބަރުލުން ބޭނުންވާކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަބްދުﷲ ޒިޔާދު ފާހަގަކުރެއްވިއެވެ.

މި ވޯކްޝޮޕްގައި ސަރުކާރުގެ އިދާރާތަކުގެ އިތުރުން ކަމާއިގުޅޭ އެހެން ފަރާތްތަކުން ބައިވެރިވިއެވެ. ބައިވެރިންގެ މެދުގައި ވާހަކަ ދެކެވުނީ ދިވެހިރާއްޖޭގައި ޒިންމާދާރުގޮތެއްގައި އުފެއްދުމާއި ބޭނުންކުރުން މިލަނޑުދަނޑި ހާސިލްކުރުމަށް ޤައުމީ ފެންވަރުގެ އެކްޝަން ޕްލޭންއެއް އެކުލަވާލުމާ ބެހޭ ގޮތުންނެވެ. އަދި މި އެކްޝަން ޕްލޭން އެކުލަވާލުމަށްފަހު މި ޕްލޭން އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުންވެސް ވާހަކަ ދެކެވުނެވެ.