ޚަބަރު

ދިވެހިރާއްޖޭގައި އެނަރޖީ އެފިޝެންސީ އާމެދު ހޭލުންތެރިކަންހުރި މިންވަރު ދެނެގަތުމަށްޓަކައި ކުރެވުނު ދިރާސާގެ ހޯދުންތައް ހިއްސާކޮށްފި

23 މެއި 2017

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނެޑް އެނާރޖީގެ ފަރާތުން ކުރިއަށްގެންދިޔަ “ދިވެހިރާއްޖޭގައި އެނާރޖީ އެފިޝެންސީ އާމެދު ހޭލުންތެރިކަންހުރި މިންވަރު ދެނެގަތުމަށްޓަކައި ކުރެވުނު ދިރާސާ”ގެ ހޯދުންތައް ކަމާގުޅުންހުރި ފަރާތްތަކާ ހިއްސާ ކޮށްފިއެވެ. މިއަދު ހެނދުނު ޝީ ބިލްޑިންގގެ އަސަރީ މާލާމުގައި ކުރިއަށްގެންދިޔަ މި ސެޝަން އިފްތިތާޙް ކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެންޑް އެނާރޖީ އަލްފާޟިލް އަބްދުލްމަތީން މުޙައްމަދެވެ. ސްޓޭޓް މިނިސްޓަރގެ ވާހަކަފުޅުގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީގެ ފަރާތުން ކުރިއަށްގެންގޮސްފައިވާ އެނާރޖީ އެފިޝެންސީ އާއި އެނަރޖީ ކޮންސަރވޭޝަންގެ ކާމިޔާބު ޕްރޮޖެކްޓްތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި މިފަދަ މަސައްކަތްތަކަކީ ހުސްއެކަނި މިނިސްޓްރީތަކުން ކުރާ މަސައްކަތްތަކަށް ވުމުގެ ބަދަލުގައި މިފަދަ ކަންކަމުގައި ފަރުދީފެންވަރުގައި ބައިވެރިވުމުގެ މުހިންމުކަމަށް އަލިއަޅުވާލެއްވިއެވެ. ރިޔަން ޕްރިއިވެޓް ލިމިޓެޑްގެ ފަރާތުން މި ދިރާސާގެ މަޢުލޫމާތު ބައިވެރިންނާއި ހިއްސާކޮށްދެއްވީ އަލްފާޟިލާ ސަފޫރާ ކައުޘަރު އުސްމާނެވެ. ކަމާގުޅުންހުރި 9 އިދާރާއަކުން 20 ބައިވެރިން މި ސެޝަންގައި ބައިވެރިވެވަޑައިގަތެވެ.

މި ދިރާސާއަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ ފަރާތުން ރިޔަން ޕްރިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެން ތައްޔާރުކުރެވުނު ދިރާސާއެކެވެ. މި ދިރާސާގެ މަޤްސަދަކީ ރާއްޖޭގައި ހަކަތަ ސަމަކާރައާއި ބެހޭގޮތުން އާއްމުންގެ ހޭލުންތެރިކަން ހުރި މިންވަރާއި، ގޭބިސީތަކުން ކަރަންޓް ބޭނުންކުރާ މިންވަރާއި ހަކަތަ އެފިޝެންޓްގޮތުގައި ބޭނުންކުރުމުގައި ހުރި ދަތިތަކާ އަދި ކަރަންޓް ސާމާނު ގަތުމުގައި އާންމުންގެ ވިސްނުން ހުންނަ ގޮތުގެ މަޢުލޫމާތު ދެނެގަތުމެވެ. މި ދިރާސާގައި މާލެ ސަރަހައްދު ހިމެނޭގޮތަށް ޖުމްލަ 6 ސަރަހައްދަކުން 1894 ގޭ ބިސީއަކުން ވަނީ މަޢުލޫމާތު ނެގިފައެވެ. މިގޮތުން މަޢުލޫމާތު އެއްކުރެވުނު ރަށްތަކަކީ ހދ.ކުޅުދުއްފުށި، އދ.ދިއްދޫ، ގއ.ނިލަންދޫ، ކ. މާފުށި، ގްރޭޓާރ މާލެ ސަރަހައްދު (މާލެ، ވިލިމާލެ، ހުޅުމާލެ) އާއި އައްޑު އަތޮޅުގެ ގުޅިފައިވާރަށްތައް ކަމަށްވާ ފޭދޫ، މަރަދޫ، މަރަދޫފޭދޫ، އަދި ހިތަދޫ އެވެ.

ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢަކީ މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާއިބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.