ޚަބަރު

ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށުގައި ސޯލަރ ޑީސަލް ހައިބްރިޑް ޕަވަރ ސިސްޓަމް ޤާއިމުކޮށް ކަރަންޓް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި

24 މެއި 2017

ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށުގައި ސޯލަރ ޑީސަލް ޕަވަރ ސިސްޓަމް ޤާއިމުކޮށް ކަރަންޓު ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. އެގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗަންގ ޒޫ ޓްރީނާ ސޯލާރ އެނަރޖީ އާއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި ޗަންގ ޒޫ ޓްރީނާ ސޯލާރ އެނަރޖީގެ ޖެނެރަލް މެނޭޖަރ ފެރޭންކެވެ.
މި ޕްރޮޖެކްޓުގެ ދަށުން 2.27 މެގަވޮޓް ގެ ސޯލަރ ޕަވަރ ޕްލާންޓް ޤާއިމުކުރެވޭނެއެވެ. އަދި ގްރިޑް ސަޕޯޓިންއަށް 1.49 މެގަވޮޓް ގެ ބެޓެރީ ސްޓޯރޭޖް ސިސްޓަމްގެ އިތުރުން މި ޕްރޮޖެކްޓުގެ ދަށުން 14 ޖެނެރޭޓަރ ސަޕްލައިކޮށް އިންސްޓޯލް ކުރެވޭނެއެވެ. މީގެ އިތުރުންވެސް ގްރިޑް އަޕްގްރޭޑް ކުރުމުގެ ގޮތުން 47.35 ކިލޯ މީޓަރ ގެ ކޭބަލް އެޅުމާއި 12 އޮޓޮމެޓިކް ގެނެރޭޓަރ ކޮންޓްރޯލް ޕެނަލް (ސިންކްރޮނައިޒިންގ ޕެނަލް ބޯޑް) މި ޕްރޮޖެކްޓުގެ ދަށުން ބެހެއްޓޭނެއެވެ. އަދި 425 ޑިސްޓްރިބިއުޝަން ބޮކްސްވެސް ބެހެއްޓޭނެއެވެ.
މި ޕްރޮޖެކްޓުގެ ސަބަބުން ޖައްވަށް ބޭރުވާ ކާރބަންޑައިއޮކްސަޑްގެ މިންވަރު ގާތްގަނޑަކަށް އަހަރަކު 2،278 ޓަނު މަދުވެގެންދާނެއެވެ.
މި ޕްރޮޖެކްޓުގެ ޖުމްލަ އަގަކީ 9,954,016.34 ޔޫ.އެސް ޑޮލަރެވެ.