ޚަބަރު

ޅ. ނައިފަރުގައ ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތާއި އަދި ތ. ވޭމަންޑޫގައި ނަރުދަމާ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފި

18 ޖޫން 2017

އެކަށީގެންވާ ބޯފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމުގެ ޚިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ސިޔާސަތުގެ ދަށުން ޅ.ނައިފަރުގައ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތާއި އަދި ތ.ވޭމަންޑޫގައި ނަރުދަމާ ނިޒާމު ޤާއިމު ކުރުމަށް މިއަދު ބަޔަކާ ޙަވާލުކޮށްފިއެވެ. އެގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ އިންޑިއާގެ ޖޮއިންޓް ވެންޗަރ ކުނފުންޏެއް ކަމަށްވާ އެލް އީ ޓްރިވެނީ ޖޭވީ އާއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި އެލް.އީ ޓްރިވެނީ ޖޭވީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ވިނޭ ކުމާރު ސިންގް އެވެ.
މިމަޝްރޫޢުގެ ދަށުން ޅ. ނައިފަރުގައި ނަރުދަމާ ވިޔުގަ ޤާއިމުކުރުމާއި، ސުވޭޖް ޓްރީޓްމަންޓް ޕްލާންޓް ޤާއިމުކުރުމާއި އަދި ފެނުގެ ވިޔުގަ އެޅުމާއި، ސްޓޯރޭޖް ޓޭންކް ޤާއިމުކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. އަދި ތ.ވޭމަންޑޫގައި ނަރުދަމާ ވިއުގަ ޤާއިމުކުރުމާއި ސުވޭޖް ޓްރީޓްމަންޓް ޕްލާންޓް ޤާއިމުކުރުމާއިއެކު މިކަންކަން ކުރާނެ އެޑްމިނިސްޓްރޭޓިވް ބިލްޑިންގ އެއް ޤާއިމުކުރެވޭނެއެވެ.

މި މަޝްރޫޢަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) އަދި އޯޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ޖުމްލަ އަގަކީ 148,902,816.02 (ސަތޭކަ ސާޅީސް އަށް މިލިއަން ނުވަސްތޭކަ ދެހާސް އަށްސަތޭކަ ސޯޅަ ރުފިޔާ ދެ ލާރި) ދިވެހި ރުފިޔާއެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 18 މަސް ދުވަހެވެ.