ޚަބަރު

ހައިލެވެލް ޕޮލިޓިކަލް ފޯރަމް އޮން ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް 2017 އެމެރިކާގެ ނިއުޔޯކުގައި ހުންނަ އ.ދ ގެ މައި މަރުކަޒުގައި ފެށިގެން ކުރިއަށް ދަނީ

18 ޖުލައި 2017

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޤައުމުތަކުން ކުރާ މަސައްކަތްތައް ރިވިއު ކުރުމަށް ބޭއްވޭ “ހައިލެވެލް ޕޮލިޓިކަލް ފޯރަމް އޮން ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް”، އެމެރިކާގެ ނިއުޔޯކުގައި ހުންނަ އ.ދ ގެ މައިމަރުކަޒުގައި ފެށިގެން ކުރިއަށް އެބަދެއެވެ.

މި އަހަރުގެ ފޯރަމްގެ ޝިޢާރަކީ “ބަދަލުވަމުންދާ ދުނިޔެއެއްގައި ފަޤީރުކަން ނައްތާލުމާއި ފާގަތިކަން ކުރިއެރުވުން” އެވެ.

މިއަހަރުގެ ފޯރަމްގައި 44 ޤައުމަކުން އ.ދ ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަމުންދާ މަސައްކަތްތަތް ‘ވޮލަންޓަރީ ނޭޝަނަލް ރިވިއު” ގެނަމުގައި ހުށަހަޅާނެއެވެ. މި ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެވެސް ހިމެނެއެވެ. މިގޮތުން ދިވެހިރާއްޖޭގެ ވޮލަންޓަރީ ނޭޝަނަލް ރިވިއު ގައި އ.ދ ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ދިވެހިރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކާއި ކުރުމަށް ރޭވިފައިވާ ކަންތައްތަކުގެ އިތުރުން ރާއްޖެކަހަލަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމަކަށް ހުރި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލެވިފައިވާނެއެވެ. އަދި މީގެ އިތުރުން ބައެއް ދާއިރާތަކުގައި ދިވެހިރާއްޖެއިން ހޯދާފައިވާ ކުރިއެރުންތައް މި ރިވިއުގައި ހިމަނާފައިވާނެއެވެ.

65 ޤައުމަކުން މިނިސްޓަރުންގެ ފެންވަރުގައި މި ފޯރަމްގައި ބައިވެރިވާއިރު، ދިވެހިރާއްޖެއިން ބައިވެރިވާ ވަފްދުގެ އިސް ބޭފުޅެއްގެ ހައިސިއްޔަތުން ވަޑައިގެންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޢަބްދުﷲހި މަޖީދެވެ. ޖުލައި 10 އިން ޖުލައި 19 އަށް ކުރިއަށްދާ މި ފޯރަމްގައި ދިވެހިރާއްޖޭގެ ވޮލަންޓަރީ ނޭޝަނަލް ރިވިއު ހުށަހެޅުން އޮންނާނީ ޖުލައި 19 ވަނަ ދުވަހުއެވެ.