ޚަބަރު

ތޮއްޑޫ ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެނަރޖީ އެފިޝަންސީ އަށް ހޭލުންތެރިކުރުމުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

22 އޯގަސްޓް 2017

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހިންގާ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް (އެލް.ސީ.އީ.އައި) މަޝްރޫޢުގެ ފަރާތުން އެނަރޖީ އެފިޝަންސީ އަށް ހޭލުންތެރިކުރުމާއި ބެހޭ މަސައްކަތު ބައްދަލުވުމެއް އއ. ތޮއްޑޫގައި ބާއްވައިފިއެވެ. އޮގަސްޓް 22 ގައި ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި ތޮއްޑޫ ސްކޫލްގެ ގްރޭޑް 8 އާއި 9 އަކުން ޖުމްލަ 38 ދަރިވަރުން ބައިވެރިވިއެވެ.

މި މަސައްކަތު ބައްދަލުވުން އިފްތިތާޙް ކޮށްދެއްވީ ތޮއްޑޫ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މޫސާ ޞާލިހާއި ތޮއްޑޫ ކައުންސިލްގެ ރައީސާ އަލްފާޟިލާ ޚަދީޖާ ނިއުޝާއެވެ. ދަރިވަރުންނާއި މުހާތަބުކޮށް ޕްރިންސިޕަލް ދެއްކެވި ވާހަކަފުޅުގައި ތިމާވެއްޓަށް އަހައްމިއްޔަތުކަން ދޭންޖެހޭ މިންވަރަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ދެއްކެވި ވާހަކަފުޅުގައި، ތިމާވެއްޓަކީ އަދުގެ ދުނިޔޭގައި އެންމެ ފުޅާކޮށް ވާހަކަ ދެކެވޭ މަޢުލޫކަމަށް ވުމުން އެމަޢުލޫއަށް ދަރިވަރުން ހޭލުންތެރިވެ ތިމާވެށި ހިމާޔަތް ކުރުމާށާއި މޫސުމީ ބަދަލުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަށް ކުޑަކުރަން މަސައްކަތް ކުރާބަޔަކަށް ވާންޖެހޭނެކަމަށް ވިދާޅުވިއެވެ. މިކަމަށްޓަކައި މަސައްކަތު ބައްދަލުވުމުގެ ތެރެއިން ވީހާވެސް ގިނަ މަޢުލޫމާތު ލިބިގަނެ އެ މަޢުލޫމާތާއި އެއްގޮތަށް އަމަލު ކުރުމަށްވެސް ޕްރިންސިޕަލްގެ ވާހަކަފުޅުގައި ނަސޭހަތްތެރިވިއެވެ.

މި މަސައްކަތު ބައްދަލުވުމުގައި ހަކަތަ އިގްތިސާދު ކުރުމާއި ހަކަތަ ހެޔޮގޮތުގައި ބޭނުންކުރުމާއި ބެހޭ ގޮތުން ދަރިވަރުންނަށް ވަނީ މަޢުލޫމާތު ދީފައެވެ. ދަރިވަރުންނަށް ޙިއްސާކުރެވުނު މަޢުލޫމާތު ތެރޭގައި ކަރަންޓު އާލާތްތަކުގައި ހުންނަ ކަރަންޓް ނޭމްޕްލޭޓްގައިވާ މަޢުލޫމާތު ދެނެގަންނާނެ ގޮތާއި ކަރަންޓް ބިލުގައިވާ މަޢުލޫމާތު ދެނެގަންނާނެ ގޮތުގެ މަޢުލޫމާތު ހިމެނެއެވެ. މި ބައްދަލުވުމުގައި ދަރިވަރުންނަށް މައުލޫމާތުދެއްވީ މި މިނިސްޓްރީގެ އެލް.ސީ.އީ.އައި ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓާއި، އެނަރޖީ ޑިޕާޓްމަންޓާއި އެންވަޔަރަންމަންޓް ޑިޕާޓްމަންޓްގެ ފަންނީ ބޭފުޅުންނެވެ.

ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢަކީ މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.