ޚަބަރު

ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެނަރޖީ އެފިޝަންސީ އަށް ހޭލުންތެރިކުރުމުގެ މަސައްކަތު ބައްދަލުވުންތަކެއް ބާއްވައިފި

13 ޖުލައި 2017

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހިންގާ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް (އެލް.ސީ.އީ.އައި) މަޝްރޫޢުގެ ފަރާތުން އެނަރޖީ އެފިޝަންސީ އަށް ހޭލުންތެރިކުރުމާއި ބެހޭ މަސައްކަތު ބައްދަލުވުންތަކެއް ޅ. އަތޮޅު ހިންނަވަރުގައި ބާއްވައިފިއެވެ. ޖުލައި 11 އަދި 12 ގައި ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުންތަކުގައި ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 8، 9 އަދި 10 ގެ ޖުމްލަ 71 ދަރިވަރުން ބައިވެރިވިއެވެ.

ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ހިންގި މަސައްކަތު ބައްދަލުވުންތައް އިފްތިތާޙް ކޮށްދެއްވީ އެ މަދަރުސާގެ ޕްރިންސިޕަލް އަލްފާޟިލާ ފަޒްނާ ޔޫސުފް ފާރިޤެވެ.

މި މަސައްކަތު ބައްދަލުވުންތަކުގައި ހަކަތަ އިގްތިސާދު ކުރުމާއި ހަކަތަ ހެޔޮގޮތުގައި ބޭނުންކުރުމާއި ބެހޭ ގޮތުން ދަރިވަރުންނަށް ވަނީ މަޢުލޫމާތު ދީފައެވެ. ދަރިވަރުންނަށް ޙިއްސާކުރެވުނު މަޢުލޫމާތު ތެރޭގައި ކަރަންޓު އާލާތްތަކުގައި ހުންނަ ކަރަންޓް ނޭމްޕްލޭޓްގައިވާ މަޢުލޫމާތު ދެނެގަންނާނެ ގޮތާއި ކަރަންޓް ބިލުގައިވާ މަޢުލޫމާތު ދެނެގަންނާނެ ގޮތުގެ މަޢުލޫމާތު ހިމެނެއެވެ. މި ބައްދަލުވުންތަކުގައި ދަރިވަރުންނަށް މައުލޫމާތުދެއްވީ މި މިނިސްޓްރީގެ އެލް.ސީ.އީ.އައި ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓާއި، އެނަރޖީ ޑިޕަރޓްމަންޓާއި އެންވަޔަރަންމަންޓް ޑިޕަރޓްމަންޓް ޔުނިޓްގެ ފަންނީ ބޭފުޅުންނެވެ.
ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢަކީ މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.