ޚަބަރު

ދިވެހިރާއްޖޭގެ 25 ސަރަހައްދެއްގައި “އޮޓޯމެޓިކް ވެދަރ ސްޓޭޝަން” ހަރުކުރުމަށް ބަޔަކާ ޙަވާލުކޮށްފި

4 ޑިސެމްބަރ 2017

ދިވެހިރާއްޖޭގެ 25 ސަރަހައްދެއްގައި “އޮޓޯމެޓިކް ވެދަރ ސްޓޭޝަން” ހަރުކުރުމަށް އިޓަލީގެ ސީ.އޭ.އީ ކުންފުންޏާއި މިއަދު ޙަވާލުކޮށްފިއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ އެކަމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި ސީ.އޭ.އީ ގެ ފަރާތުން ސޮއިކުރެއްވި އެ ކުންފުނީގެ ނައިބު ރައީސް ޖިއާންކާލޯ މާރިއާ ޕެޑްރީނީ އެވެ.

މި ޕްރޮޖެކްޓުގެ ޖުމްލަ އަގަކީ 11,877,684.92ރުފިޔާ (އެގާރަ މިލިއަން އަށް ލައްކަ ހަތްދިހަ ހަތް ހާސް ހަ ސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ ނުވަދިހަ ދެ ލާރި) އެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 03 މަސް ދުވަހުގެ ތެރޭގައެވެ.

މި ޕްރޮޖެކްޓުގެ ދަށުން އޮޓޮމެޓިކް ވެދަރ ސްޓޭޝަން ހަރުކުރެވޭ 25 ރަށަކީ:
• ހއ. ހޯރަފުށި
• ހއ. ކެލާ
• ހދ. ކުޅުދުއްފުށި
• ށ. ކަނޑިތީމު
• ށ. ފުނަދޫ
• ނ. މާފަރު
• ރ. މަޑުއްވަރި
• ޅ. އޮޅުވެލިފުށި
• ބ. ތުޅާދޫ
• ބ. ގޮއިދޫ
• ކ. ގާފަރު
• ކ. ދިއްފުށި
• ކ. ގުރައިދޫ
• އއ. ތޮއްޑޫ
• އއ. ހިމަންދޫ
• ވ. ރަކީދޫ
• ފ. ނިލަންދޫ
• މ. މުލި
• ދ. ކުޑަހުވަދޫ
• ތ. ބުރުނި
• ލ. މާވައް
• ގއ. ކޮލަމާފުށި
• ގއ. ގެމަނަފުށި
• ގދ. ތިނަދޫ
• ގދ. ފަރެސްމާތޮޑާ

އިޓަލީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގަމުންދާ މި ޕްރޮޖެކްޓަކީ މެޓް އޮފީހުން ދެމުންގެންދާ މޫސުމާބެހޭ މަޢުލޫމާތުތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި އެކުލަވާލެވިފައިވާ ޕްރޮޖެކްޓެކެވެ. މިއީ ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރުމުގައި، މެޓް އޮފީހުގެ އިދާރާއެއް ޤާއިމުކުރެވިފައިނެތް ސަރަހައްދުތަކުގެ މޫސުންވެސް ސީދާ ކަމާއިއެކު ފުރިހަމައަށް ގެނެސްދިނުމުގެ މަޤުޞަދުގައި ކުރިޔަށް ގެންދެވޭ ޕްރޮޖެކްޓެކެވެ. މެޓް އޮފީހުގެ ފަރާތުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ މޫސުމާއިބެހޭ މަޢުލޫމާތު ހޯދާ ދެނެގަތުމުގެ ޤާބިލުކަން އިތުރަށް ފުޅާކޮށް، މުޅި ރާއްޖެ ކަވަރު ކުރެވޭގޮތަށް “މޫސުމީ ވިޔުގަ” އެއް ޤާއިމު ކުރުމަކީވެސް މި ޕްރޮޖެކްޓުގެ ވަރަށް މުހިންމު އަމާޒެކެވެ. މީގެ ސަބަބުން މެޓް އޮފީހުން ދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރު މަތިވެ، އާންމުން ޤަބޫލުކުރާ އިތުބާރުހުރި މަޢުލޫމާތު ލިބުމަށް މަގުފަހިވާނެއެވެ.