ޚަބަރު

“އަޅުގަނޑުމެންގެ ކަނޑުތަކާއި ބިންތައް އަދި ވައި ނުސާފުވުމުގެ ސަބަބުން ތިމާވެއްޓަށާއި ސިއްޙަތަށް ނުހަނު ގެއްލުން ލިބޭ”- ސްޓޭޓް މިނިސްޓަރ އަބްދުﷲ މަޖީދު

6 ޑިސެމްބަރ 2017

އަޅުގަނޑުމެންގެ ކަނޑުތަކާއި ބިންތައް އަދި ވައި ނުސާފުވުމުގެ ސަބަބުން ތިމާވެއްޓަށާއި ސިއްޙަތަށް ނުހަނު ގެއްލުންތައް ލިބެމުންދާ ކަމަށާޢި މިހާރުން މިހާރަށްވެސް މި ގެއްލުންތައް ކުޑަކުރުމަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް އަބްދުﷲ މަޖީދު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ކެންޔާގެ ވެރިރަށް ނައިރޯބީ ގައި މި ޑިސެމްބަރ މަހުގެ 05 އިން 06 އަށް ކުރިއަށްދާ ތިންވަނަ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް އެސެމްބްލީގައި ތަޤްރީރު ކުރައްވަމުންނެވެ. އެ މަނިކުފާނު ވިދާޅުވީ މި އަހަރު ކުރީކޮޅު ބޭއްވި “އޯޝަންސް ކޮންފަރެންސް” ގައި ނަން ބަޔޯޑީގްރޭޑެބަލް ޕްލާސްޓިކް މަދުކުރުމަށް އެއްބަސްވެފައިވާނެ ކަމަށާއި އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުން ދިވެހިރާއްޖޭގެ މަސްވެރިންނާއި ގުޅިގެން މަސްވެރިންނަށް ކަނޑުން ފެންނަ ޕްލާސްޓިކް ގެނެސް ކުނި މެނޭޖްކުރާ މަރުކަޒަށް އެ ކުނިތައް ގެންދެވޭނެ އިންތިޒާމު ހަމަޖައްސާފައި ވާނެކަމަށެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މިލިއަނެއްހާ މީހުންނަކީ ކެއުމަށް ކަނޑާއި ގޮނޑުދޮށަށް ބަރޯސާވެފައިވާ ބައެއްކަމަށާއި ދިވެހިރާއްޖެއަކީވެސް އެފަދަ ޤައުމެއްކަމަށެވެ. އަދި ވިދާޅުވީ މެރިން ޕޮލިއުޝަން އަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި ދިވެހިރާއްޖޭގައި މެރިން ޕޮލިއުޝަން މަދުކުރެވެން އޮތީ ކުނި ރަނގަޅަށް މެނޭޖްކުރެވިގެން ކަމަށާއި ނަމަވެސް ދިވެހިރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތުން ހުރިހާ ރަށެއްގައި އެކަށޭނެ ގޮތެއްގައި ކުނި މެނޭޖްކުރުމަކީ ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެހެންކަމުން ކުދި ޖަޒީރާ ޤައުމުތަކުން ވަނީ ކުނި މެނޭޖްކުރުމަކީ އެންމެ އިސްކަންދޭންޖެހޭ އެއް ދާއިރާ ކަމަށް “ސަމޯއާ ޕާތްވޭ” ގައި ވަނީ ކަނޑައަޅާފައި ކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ ޕޮލިއުޝަން ގެ ސަބަބުން އިންސާނުންގެ ސިއްޙަތަށް ހީނުކުރާ ވަރުގެ ބޮޑެތި ގެއްލުން ލިބެމުންދާ ކަމަށާއި ދިވެހިރާއްޖޭގައި އެކަނިވެސް ގާތްގަނޑަކަށް އަހަރަކު 48 މަރު ވައި ނުސާފުވުމުގެ ސަބަބުން ކުރިމަތިވާކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ އާބާދީއަށް ބަލާއިރު މިއީ ވަރަށް ބޮޑު އަދަދެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން އެކަށޭނެ އެއަރ ކޮލިޓީ މޮނިޓަރިންގ މެކޭނިޒަމް ތައް ޤާއިމުކުރުމަށް ބައިނަލްއަޤުވާމީ ސަޕޯޓް ބޭނުންވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.