ޚަބަރު

ކ.ގުރައިދޫގެ ފެނުގެ ނިޒާމު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވައިފި

26 ޖޫން 2018

މިއަދުގެ ސަރުކާރުން ރައްޔިތުންނަށް ދުޅަހެޔޮ މުސްތަޤްބަލެއް ހޯދައިދިނުމުގެ އަމާޒުގައި ކުރެވޭ މަސައްކަތްތަކުގެ ދަށުން، ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން މާލެ އަތޮޅު ގުރައިދޫގެ ފެނުގެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ އާއި ޙަވާލުކޮށްގެން ކުރިއަށް ގެންގޮސްފައެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށިފައިވަނީ 10 ފެބުރުއަރީ 2015 ގައެވެ. އަދި މުޅި މަޝްރޫޢުގެ މަސައްކަތް 10 އޮކްޓޯބަރ 2017 ގައި ވަނީ ނިމިފައެވެ.

ދައުލަތުގެ ބަޖެޓުން ޚަރަދު ކޮށްގެން ހިންގުނު މި މަޝްރޫޢަށް މުޅި ޖުމުލަ 25,245,606.60 ދިވެހި ރުފިޔާ ވަނީ ޚަރަދުކުރެވިފައެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ނިމި ފެނުގެ ނިޒާމު ވަނީ އޮކްޓޯބަރ 2017 ގައި ކޮމިޝަން ކުރެވިފައެވެ. މިގޮތުން މި ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، މިނިޒާމު ހިންގާ ބަލަހައްޓާނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީގެ ފަރާތުންނެވެ.

މި މަޝްރޫޢުގެ ދަށުން 30 ޓަނުގެ 2 އާރް.އޯ ޕްލާންޓް ބެހެއްޓޭނެއެވެ. މިގޮތުން ޖުމްލަ 60 ޓަނުގެ ފެން ދުވާލަކަށް އުފެއްދޭނެއެވެ.

އެ ރަށުގައި ޤާއިމުކުރެވޭ ފެން ވިއުގައިގެ ދިގު މިނަކީ 7.3 ކިލޯމީޓަރެވެ.