ޚަބަރު

ކ. މާފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވައިފި

25 ޖޫން 2018

ކ. މާފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިންމުން ފާހަގަކޮށްފިއެވެ. މި މަޝްރޫޢުގެ ނިންމުން ފާހަގަކޮށްފައިވަނީ އެކަމަށްޓަކައި މާފުށީގައި މިއަދު ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމެވެ. މާފުށީގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢު ފަށާފައިވަނީ 2015 ވަނަ އަހަރުއެވެ.

މި މަޝްރޫޢުއަށް ޖުމްލަ14,999,954.25 (ސާދަ މިލިއަން، ނުވަސަތޭކަ ނުވަދިހަ ނުވަ ހާސް، ނުވަސަތޭކަ ފަންސާސް ހަތަރު ރުފިޔާ، ފަންސަވީސް ލާރި) ދިވެހި ރުފިޔާ ސަރުކާރުގެ ބަޖެޓުން ވަނީ ޚަރަދުކޮށްފައެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީއާއި (އެމްޓީސީސީ) އާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 29 ނޮވެންބަރ 2015 ގައެވެ. އަދި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ ސެޕްޓެމްބަރ 2016 ގައެވެ.

މި މަޝްރޫޢުގެ ދަށުން، މާފުށީ ގިރާ ސަރަޙައްދަށް 5000 ކޮޑިމީޓަރ ވެލިއަޅައި 440 މީޓަރު ދިގުމިނުގެ ބޮޑުހިލައިގެ 4 ގޮރޮއިން ވަނީ ޤާއިމުކޮށްފައެވެ.